ޚަބަރު

"މަހާ ޖައްރާފު" ހދ.ކުޅުދުއްފުއްޓަށް ބަނދަރުކޮށްފި


މުޅި އޭޝިއާ ސަރަޙައްދުގައިވެސް ބޭނުންކުރާ އެންމެ ބޮޑު ޑްރެޖަރކަމުގައިވާ އެމް.ޓީ.ސީ.ސީގެ "މަހާ ޖައްރާފު" ހދ. ކުޅުދުއްފުއްޓަށް ބަނދަރުކޮށްފިއެވެ.

"މަހާ ޖައްރާފު"ގެ ދިގުމިނުގައި 92.95 މީޓަރު އަދި ފުޅާމީނުގައި 16 މީޓަރު ހުރެއެވެ. 36 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ބަނދެފައިވާ މި ޑްރެޖަރަކީ ކަނޑުގެ 50 މީޓަރު އަޑިން ވެލިނެގުމުގެ ޤާބިލުކަން ލިބިފައިވާ އުޅަނދެކެވެ. އަދި މި އުޅަނދަށް އެއްފަހަރާ 3700 ކިއުބިކް މީޓަރުގެ ވެލި ބަރު ކުރެވޭނެކަމަށްވެސް އެމް.ޓީ.ސީ.ސީން ބުނެއެވެ.

އައި. އެޗް.ސީގެ އީޒީ ޑްރެޖް ސީރީޒްގެ ހޮޕަރ ސަކްޝަން ޑްރެޖަރ "މަހާ ޖައްރާފު" ޑިޒައިން ކޮށްފައިވަނީ ދުވެލި ބާރު އަދި ތެލުގެ ޙަރަދު ކުޑަވާނެ ފަދަ ޓެކްނޮލޮޖީއަކާއެކުގައެވެ. އަދި މިއީ ދެކުނު އޭޝިއާ ސަރަޙައްދަށްވެސް ގެނެވުނު މިފަދަ އެންމެ ބިޔަ ޑްރެޖަރެވެ.

"މަހާ ޖައްރާފު" ހދ. ކުޅުދުއްފުއްޓަށް މިހާރު ބަނދަރުކޮށްފައިވާއިރު، މަހާ ޖައްރާފު ބޭނުންކޮށްގެން އެންމެ ފުރަތަމަ ހިއްކުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށީ އެއަރޕޯޓް ހެދުމަށް ބޭނުންވާ ސަރަޙައްދުކަން ފާހަގަކޮށްލެވެއެވެ. 53.4 މިލިއަން ރުފިޔާ ހަރުދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، 6.21 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ. މި މަސައްކަތް ކުރުމަށް އެކުންފުންޏާއި ހަވާލުކޮށްފައިވަނީ 6 މަސް ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާގޮތަށެވެ. ބިން ހިއްކުމުގެ އިތުރުން، އެ ސަރަޙައްދުގެ ޝޯ ޕްރޮޓެކްޝަންގެ މަސައްކަތްވެސް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމް.ޓީ.ސީ.ސީއާއެވެ.

ކުޅުދުއްފުށީ ބިން ހިއްކުމުގެ މަސައްކަތް މިފެށޭ ނޮވެމްބަރު މަހުގެ ފުރަތަމަ ހަފްތާ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާއިރު، މި މަސައްކަތް 25 ދުވަހުގެ ތެރޭގައި ނިންމާލުމަކީ އަމާޒެއްކަމަށް އެމް.ޓީ.ސީ.ސީއިން ބުނެއެވެ. ކުޅުދުއްފުށީ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމަށް ހަމަޖެހިފައިވަނީ އެރަށުގެ ކުޅި ހިމެނޭ ސަރަޙައްދުގައިކަމުން، ބިން ހިއްކުމުގެ އެހެން މަޝްރޫޢުތަކާއި ހިލާފަށް، މި މަސައްކަތް ކުރުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާނެކަން އެމް.ޓީ.ސީ.ސީއިން ފާހަގަކުރެއެވެ. އެގޮތުން ފުރަތަމަ ކުރަންޖެހޭނީ ކުޅީގައި ހުރި ވެލިތައް ނެގުމުގެ މަސައްކަތްކަމަށާއި، ބިން ހިއްކުމުގެ މަސައްކަތް ފެށޭނީ އެއަށްފަހުކަމަށް އެކުންފުނިން ބުނެއެވެ. އަދި ކުޅީގެ ތެރެއިން ވެލި ނެގުމަށް އެމް.ޓީ.ސީ.ސީގެ އެހެން މެޝިނަރީޒްތައް ބޭނުންކުރާނެކަމަށާއި، އެއަށްފަހު މަހާ ޖައްރާފު ބޭނުންކޮށްގެން ކުޅިއަށް ވެލިއެޅުމުގެ  މަސައްކަތް ކުރާނެކަމަށްވެސް އެމް.ޓީ.ސީ.ސީއިން ބުނެއެވެ.

ކުޅުދުއްފުށީގެ އިތުރުން، ށ. ފުނަދޫގައި އެއަރޕޯޓެއް ހެދުމަށް ބޭނުންވާ 21 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތްވެސް ކުރުމަށް ހަމަޖެހިފައިވަނީ އެމް.ޓީ.ސީ.ސީގެ މަހާ ޖައްރާފު ބޭނުންކޮށްގެންނެވެ.

އަލަށް މިގެނެވުނު ޑްރެޖަރާއެކު ރާއްޖޭގެ ރަށްރަށުގެ ފަޅު ފުންކުރުމާއި، ބިން ހިއްކުން ފަދަ ބިޔަ މަޝްރޫޢުތައް ކުރިއަށްގެންދިއުމުގައި ވަރަށް ބޮޑުތަން ފަސޭހަވެގެންދާނެއެވެ.