ސިވިލް ސާރވިސް މުވައްޒަފުން ވަޒީފައަށް ނުނިކުންނަ ދުވަސްތަކާއި ރަސްމީގަޑީގައި އޮފީހުން ބޭރުގައި ހޭދަކުރާ ވަގުތުތަކަށްވާ ފައިސާ ސާރވިސް އެލަވަންސުން އުނިވާ ގޮތަށް ސިވިލް ސާރވިސްގެ ޤަވާއިދު އިސްލާހުކޮށްފިއެވެ.
ސިވިލް ސަރވިސްގެ ޤަވާއިދަށް ގެނައި އިސްލާހާއި ގުޅިގެން ސިވިލް ސަރވިސްއިން ނެރުނު ސާކިއުލާގައިވާ ގޮތުން، އިސްލާހް ކޮށްފައިވަނީ ސިވިލް ސާވިސް ޤަވައިދުގެ 160 ވަނަ މާއްދާގެ ށ އާއި ނ އަށެވެ.
އަލަށް އިސްލާހު ކުރި ޤަވާއިދުގައި ވާ ގޮތުން ކުރިއަށް ޗުއްޓީ ހަމަޖެއްސުމަކާ ނުލައި މުވައްޒަފު ވަޒީފާއަށް ހާޒިރު ނުވާ ދުވަހަކަށް މުސާރައާއި ސަރވިސް އެލެވަންސުން ކަނޑާނީ މުވައްޒަފުގެ މުސާރައާއި ސަރވިސް އެލެވަންސުން ދުވަހަކަށް ޖެހޭ އަދަދެވެ. އަދި މުވައްޒަފު ސަލާމުގެ ޗުއްޓީގައި ހުންނަ ދުވަހަކަށް ސަރވިސް އެލަވަންސުން ކަނޑާނީ މުވައްޒަފުގެ ސަރވިސް އެލަވަންސުން ދުވަހަކަށް ޖެހޭ އަދަދެވެ. މުވައްޒަފެއް ވަޒީފާ އަދާ ކުރަންޖެހޭ ގަޑީގައި ވަޒީފާއަށް ނުނިކުންނަ ވަގުތަށްވާ މިންވަރު، ގަޑީލާރީގެ ގޮތުގައި އޭނާގެ މުސާރައިން އުނިކުރެވޭނެ ކަމަށް އެ ޤަވާއިދުގައި ބުނެފައިވެއެވެ.
ސިވިލް ސަރވިސްއިންވަނީ އާ ޤާވާއިދަށް އަމަލު ކުރުމަށް ސިވިލް ސާރވިސްގެ އިދާރާތަކަށް އަންގާފައެވެ.