ސިއްހަތު

ގަމު ރީޖަނަލް ހޮސްޕިޓަލުގައި ކުނި ނައްތާލުމަށް ޚާއްޞަ ނިޒާމެއް


ސިއްޙީ ޚިދުމަތްދޭ ތަންތަނުގައި އުފެދޭ ކުނި ރާއްކާތެރިގޮތުގައި ނައްތާލުމުގެ ސްޓްރެޓެޖިކް ޕްލޭނެއް ހައްދުންމަތީ ގަމު ރީޖަނަލް ހޮސްޕިޓަލްގައި އިފްތިތާހް ކޮށްފިއެވެ.

މިޕްލޭން އިފްތިތާޚް ކޮށްދެއްވީ  އެހޮސްޕިޓަލްގައި ބޭއްވި، ހެލްތް ކެއަރ ވޭސްޓް މެނޭޖްމަންޓް ސިސްޓަމް އިފްތިތާޚް ކުރުމުގެ ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް އާއި ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ.އަރްވިންދް މާތޫރްއެވެ.

މި ރަސްމިއްޔާތުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ވަނީ ގަން ރިޖަނަލް ހޮސްޕިޓަލަށް ހެލްތް ކެއަރ ވޭސްޓް އޮޓޯކްލޭވް އާއި ކާރިސާއެއް ދިމާވެއްޖެ ހާލަތެއްގައި ބޭނުން ކުރުމަށްޓަކައި ތައްޔާރު ކޮށްފައިވާ ޚާއްސަ އިމަރޖެންސީ (އައި.އީ.އެޗް.ކޭ. ކިޓުގެ އިތުރުން ކުދި އާރް.އޯ ޕްލާންޓެއް ހަވާލުކޮށްފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ ސިއްހީ ޚިދުމަތް ދޭ ތަންތަނުގައި އުފެދޭ ކުނީގެ ސަބަބުން، ދުނިޔޭގެ ނިސްބަތުން ބަލާއިރުވެސް ގިނަ ބަލިތައް ފެތުރިގެން ގޮސްފައިވާކަމަށް އަދި މިފަދަ ކުނި އެންދުމުގެ ސަބަބުން  ކެންސަރު ފަދަ ބަލިތައް ފެތުރުމަށް މަގުފަހިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ރައްކާތެރި ގޮތުގައި ކުނި ނައްތާލުމަށްޓަކައި  ވޭސްޓް އޮޓޯކްލޭވްސް އާއި ކޮންސިއުމަބަލްސް ހޯދާ އަތޮޅުތަކަށް ފޮނުވާފައިވާކަމަށާއި މެޝިން އިންސްޓޯލް ކުރުމާއި ބަހައްޓާނެ ތަން ހެދުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާކަން މިނިސްޓަ ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރ ގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ ގަން ރީޖަނަލް ހޮސްޕިޓަލްގައި ތަޢާރަފް ކުރި މިޚިދުމަތާއިއެކު ކުރިއަށް އޮތްތަނުގައި ލ.އަތޮޅުގެ ހުރިހާ ސިއްޙީ ޚިދުމަތްދޭ ތަންތަނުގައި މި ނިޒާމް ޤާއިމް ކުރެވިގެންދާނެކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑަބްލިޔު އެޗްއޯއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހުންނަ ސަފީރު ޑރ. އަރްވިންދް މާތުރު ވިދާޅުވީ އިފްތިތާހް ކުރި ހެލްތް ކެއަރ ވޭސްޓް މެނޭޖުމަންޓް ސިސްޓަމްގެ ސަބަބުން  ބަލިތައް ކޮންޓްރޯލް ކުރުމަށް މަގުފަހިވެގެންދާނެކަމަށެވެ. އަރްވިންދް މާތުރު ވަނީ ހެލްތް މިނިސްޓަރ ސިއްޙީ ދާއިރާއަށް ކުރައްވަމުންގެންދާވަ މަސައްކަތްތަކަށް ތައުރީފް ކުރައްވާފައެވެ.

ހެލްތް މިނިސްޓަ ލ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ވަނީ ލ.ގަމުގައި ސިއްޙީ ޚިދުމަތް ދޭ ތަނުގައި އުފެދޭ ކުނި ރައްކާތެރިގޮތުގައި ނައްތާލުމުގެ މަރުކަޒް ރަސްމީކޮށް ހުޅުވާދެއްވާފައެވެ. އަދި އެ މަރުކަޒުގައި ކުނި ރައްކާތެރި ގޮތުގައި ނައްތާލެވޭނެ ގޮތް ވަނީ ބައްލަވާލައްވާފައެވެ.