ޚަބަރު

ފޮޓޯ ސްޓޯރީބުކް ބްލޮގަރުންނަށް ފޮނުވަން ޑީއެޗްއެލް ހަމަޖައްސައިފި


ޕިކް މޯލްޑިވްސް ފޮޓޯ ސްޓޯރީބުކް ދުނެޔޭގެ މަޝްހޫރު ސޯޝަލް މީޑިޔާ ބްލޮގަރުންނަށް ފޮނުވުމަށް ޑީ.އެޗް.އެލް ހަމަޖައްސައިފިއެވެ.

ޕީއެސްއެމްގެ ޓީވީ ބިލްޑިންގައި ބޭއްވި ރަސްމިއްޔާތެއްގައި މިކަމުގެ އެއްބަސްވުމުގައި ޕިކް މޯލްޑިވްސްގެ ފަރާތުން ސޮއި ކުރެއްވީ، ޕިކް މޯލަޑިވްސްގެ ފައުންޑަރ ރިއާޔަތު ޢަބްދުލް މަޖީދެވެ. އަދި ޑީއެޗްއެލްގެ ފަރާތުން ސޮއި ކުރެއްވީ ޑީއެޗްއެލްގެ ޖެނެރަލް މެނޭޖރ މުޙައްމަދު ޖިހާދެވެ.

މި އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު ވާހަކަ ދައްކަމުން ޕިކް މޯލްޑިވްސްގެ ފައުންޑަރ ރިއާޔަތު އަބްދުލް މަޖީދް ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން ދުނެޔޭގެ މަޝްހޫރު ސޯޝަލް މީޑިޔާ ބްލޮގަރުންނަށާއި ޕިކް މޯލްޑިވްސްއިން ކަނޑައަޅާ ފަރާތްތަކަށް ޕިކް މޯލްޑިވްސް އިން ފުރަތަމަ ނެރޭ ޕިކްޗަރ ސްޓޯރީ ބުކް ޑީއެޗްއެލް މެދުވެރިކޮށް ފޯރުކޮއްދެވިގެންދާނެކަމަށެވެ.

ޕިކް މޯލްޑިވްސް ފޮޓޯ ސްޓޯރީބުކް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ފަރާތްތަކުގެ ތެރޭގައި ޕީއެސްއެމްގެ މޯލްޑިވްސް ޓީވީން ކުރިއަށް ގެންދިޔަ ވޯލްޑް ޓްރެވަލް ރައިޓާސް ކޮންފަރެންސްގައި ބައިވެރިވި 20 ފަރާތެއްވެސް ހިމެނޭކަމަށް ޕިކް މޯލްޑިވްސް އިން ބުނެއެވެ.

ޕީއެސްއެމްއިން ބޭއްވި ވޯލްޑް ޓްރެވަލް ރައިޓާސް ކޮންފަރެންސަކީ، ޒަމާނީ ޓެކްނޮލޮޖީގެ މި ޒަމާނުގައި އިންޓަރނެޓް ޒަރިއްޔާއިން ސޯޝަލް މީޑިޔާއާއި ލިއުންތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފުންނާބުއުސް ފަރާތައް މެދުވެރިކޮށް ދިވެހި ރާއްޖެއަކީ މަންޒިލެއްގެ ގޮތުގައި އިސްތިހާރު ކުރުމަށް މަގުފަހި ކުރުމުގެ މަޤްޞަދުގައި ޕީއެސްއެމްއިން ބޭއްވި ކޮންފަރެންސެކެވެ.