ކުޅިވަރު

ޓޮޓެންހަމް - ލިވަޕޫލް މެޗަށް ރެކޯޑް އަދަދަށް ސަޕޯޓަރުން ވަދެއްޖެ


އިނގިރޭސި ޕްރެމިއާރ ލީގުގައި ލިވަޕޫލް އަތުން ޓޮޓެންހަމް ރޭ 4-1އިން މޮޅުވި މެޗު ބަލަން އިނގިރޭސި ލީގުގެ ރެކޯޑް އަދަދަށް މީހުންވަދެއްޖެއެވެ.

އިނގިރޭސިވިލާތުގެ ރަސްމީ ސްޓޭޑިއަމް ކަމަށްވާ ވެމްބްލީގައި ކުޅުނު މި މެޗު ބަލަން 80،827 މީހުން ވަނީ ވަދެފައެވެ. މިއީ ރެކޯޑެއް. މިހާތަނަށް އެންމެ ގިނަ ބަޔަލު ކުޅިބަލަން ވަން މެޗު ކަމުގައި ވެފައި އޮތީ 2007 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑު ކުޅުނު މެޗެކެވެ.

މި މެޗު ވެންބްލީގައި ކުޅުނީ ޓޮޓެންހަމުގެ 60،000 މީހުންގެ ސްޓޭޑިއަމް ބިނާ ކުރަމުންދާތީވެ މި ސީޒަނުގައި އެ ޓީމުގެ އަމިއްލަ ދަނޑަކީ ވެންބްލީ ކަމަށް ހަމަޖައްސާފައިވާތީވެއެވެ.

މި ރެކޯޑްގެ އިތުރަށް ރޭ ލިވަޕޫލް ކޮޅަށް ޓޮޓެންހަމުގެ ސަން ޖެހި ގޯލަކީ ވެސް ތާރީހީ ގޯލެކެވެ. އެއީ ޕްރެމިއާ ލީގުގައި ލިވަޕޫލް ކޮޅަށް ވަން 1،000 ވަނަ ގޯލެވެ.