ޚަބަރު

"މަހާ ޖައްރާފު" ބުދަ ދުވަހު ކުޅުދުއްފުއްޓަށް ބަނދަރުކުރާނެ!


އެމް.ޓީ.ސީ.ސީގެ ޑްރެޖަރ "މަހާ ޖައްރާފު" މި މަހުގެ 25 ވަނަ ދުވަހު ހދ. ކުޅުދުއްފުއްޓަށް ބަނދަރުކުރާނެކަމަށް އެކުންފުނިން ބުނެފިއެވެ.

އެމް.ޓީ.ސީ.ސީގެ މައި އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެކުންފުނީގެ ސީ.އީ.އޯ އިބްރާހީމް ޒިއަތު ވިދާޅުވީ، ހދ. ކުޅުދުއްފުށީ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފެށުމަށްޓަކާ ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް އެކުންފުނިން މިހާރު ކުރަމުންދާކަމަށެވެ. އަދި މިމަހުގެ 25 ވަނަ ދުވަހު "މަހާ ޖައްރާފު" ކުޅުދުއްފުއްޓަށް ބަނދަކުރާނެކަމަށާއި، މި ފެށޭ ނޮވެމްބަރު މަހުގެ ތެރޭގައި ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ފަށްޓަވައިދެއްވާނެކަމަށެވެ.

ޒިޔަތު ވިދާޅުވީ، މަހާ ޖައްރާފާއެކު ބިން ހިއްކުމުގެ މަޝްރޫޢުތައް މިހާރަށްވުރެ ބާރުދުވެލީގައި ކުރިއަށްގެންދެވޭނެކަމަށެވެ. އަދި އެކުންފުނީގެ އަމާޒަކީ މި ޑްރެޖަރު ރާއްޖެ ގެންނަތާ 2 އަހަރު ދުވަހުގެ ތެރޭގައި، އޭގައި މަސައްކަތް ކުރާ ކްރޫއިންނަކީ ސަތޭކަ އިންސައްތަ ދިވެހިންނަށް ހެދުންކަމަށެވެ. މަހާ ޖައްރާފު ބޭނުންކޮށްގެން ބިން ހިއްކުމުގެ ފުރަތަމަ މަޝްރޫޢު ކުޅުދުއްފުށީގައި ހިންގުމަށް ތައްޔާރުވަމުންދާއިރު، ބޭރުގެ ބައެއް ޤައުމުތަކުން މިހާރުވެސް ބިން ހިއްކުމުގެ މަޝްރޫޢުތަކުގައި އެމް.ޓީ.ސީ.ސީގެ ޑްރެޖަރު ބޭނުންކުރުމަށް ޝަޢުގުވެރިކަންފާޅު ކޮށްފައިވާކަން ޒިޔަތު ފާހަގަކުރެއްވިއެވެ.

ކުޅުދުއްފުށީގައި އެއަރޕޯޓް ހެދުމަށް، 6.21 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، އެމް.ޓީ.ސީ.ސީއާއި މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ 180 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މީގެ އިތުރުން، ށ. ފުނަދޫގައިވެސް އެއަރޕޯޓެއް ހެދުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ސަރުކާރުން ދާދިފަހުންވަނީ އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށްފައެވެ.

އެމް.ޓީ.ސީ.ސީގެ ޑްރެޖަރ "މަހާ ޖައްރާފު"އަކީ ކަނޑުގެ 50 މީޓަރު އަޑިން ވެލިނެގުމުގެ ޤާބިލުކަން ލިބިފައިވާ އުޅަނދެކެވެ. އަދި މި އުޅަނދަށް އެއްފަހަރާ 3700 ކިއުބިކް މީޓަރުގެ ވެލި ބަރު ކުރެވޭނެ ކަމަށް އެމް.ޓީ.ސީ.ސީއިން ބުނޭ. "މަހާ ޖައްރާފު" ބަނދެފައިވަނީ ނެދަލެންޑްސްގެ އައި.އެޗް.ސީއާއި ހަވާލުކޮށްގެން ޗައިނާގެ "ނަންޓޮން ރެއިންބޯ މެރިން ޓެކްނޮލޮޖީ"ގެ ބޯޓު ޔާޑުގައެވެ. މި ޑްރެޖަރ ބަނދެފައިވަނީ 36 މިލިއަން ޑޮލަރު ޙަރަދުކޮށްގެންނެވެ.