ސިއްހަތު

މާލެއިން ނުލިބޭ ސިއްޙީ ޚިދުމަތްވެސް އައްޑޫ ސިޓީން ލިބޭނެ!


ރާއްޖޭގެ އުތުރާ ދެކުނުގައި ޓާޝަރީ ފެންވަރުގައި ޤާއިމްކުރަމުން އަންނަ ހޮސްޕިޓަލުތަކުގެ ތެރެއިން، އައްޑޫ ސިޓީ ކޮންވެންޝަން ސެންޓަރުގައި ހަދަމުން އަންނަ 100 އެނދުގެ ޓާރޝަރީ ހޮސްޕިޓަލަކީ މާލޭގެ ހޮސްޕިޓަލުތަކުންވެސް ނުލިބޭ ބައެއް ޚިދުމަތް އެތާކުން ލިބޭނެ ހޮސްޕިޓަލެއް ކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރޭ އައްޑޫ ސިޓީގައި "ތައްޔާރު" ނަމުގައި ކުރިއަށް ދިޔަ ޖަލްސާގައި ވަހަކަފުޅު ދައްކަވަމުން މިނިސްޓަރ ވަނީ އައްޑޫސިޓީގައި ހަދާ ޓާރޝަރީ ހޮސްޕިޓަލަށް ޚިދުމަތް ހޯދުމަށްޓަކައި މާލެއިންވެސް މީހުން ދޭނޭކަމަށް ވިދާޅުވެފައެވެ.

މާލޭ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ އުތުރާއި، ދެކުނުގައި ޓަރޝަރީ ފެންވަރުގެ ޚިދުމަތްދޭ ހޮސްޕިޓަލެއް ޤާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ރިޔާސީ ވަޢުދުތަކުގެތެރޭގައި ހިމެނޭ އެންމެ މުހިއްމު އެއް ވަޢުދެވެ.

އެގޮތުން 17 ވަނަ ސާރކް ސަމިޓު ބޭއްވުމަށް އައްޑޫ ސިޓީގައި ޢިމާރާތްކުރި އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު، ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ނިންމައި އެމަސައްކަތް ސަރުކާރުން ވަނީ ކުންފުންޏަކާ ޙަވާލުކޮށްފައެވެ. 161 މިލިއަން ރުފިޔާއަށް މި މަސައްކަތް ކުރުމަށް ސަރުކާރުން ޙަވާލުކުރައްވާފައިވަނީ އެލިއާ ކޮންސްޓްރަކްޝަނާއެވެ.

މި މަޝްރޫޢުގެ ދަށުން ކޮންވެންޝަން ސެންޓަރު ހުރި ޢިމާރާތަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ޒަމާނީ ވަސީލަތްތަކާއެކު ޓަރޝަރީ ފެންވަރުގެ ޚިދުމަތްދޭ ހޮސްޕިޓަލަކަށް އެތަން ބަދަލުކުރާނެއެވެ. މިއާއެކު ދެކުނު ސަރަޙައްދުގެ ޞިއްޙީ ނިޒާމަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަމަށާއި، ރައްޔިތުން ޞިއްޙީ ޚިދުމަތަށް ކުރާ ހޭދަ އެތައް ގުނައެއް ކުޑަވެގެންދާނެކަމަށް ސަރުކާރުން ބުނެއެވެ.

މި ހޮސްޕިޓަލް ތަރައްޤިކުރުމުގެ މަސައްކަތް ފަށާފައިވާއިރު، މިހާރު ކުރަމުންދަނީ ޢިމާރާތުގެ ސްޓްރަކްޗަރއަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، ޢިމާރާތަށް އިތުރުކުރަންޖެހޭ ބައިތައް އިތުރުކުރުމުގެ މަސައްކަތްކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ. އަދި 2018 ވަނަ އަހަރުގެ ޖޫންމަހުގެ ނިޔަލަށް އެ މަސައްކަތް ނިންމައި، ހޮސްޕިޓަލް ހުޅުވުމަށް ހަމަޖެހިފައިވާކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ.

މި މަޝްރޫޢަށް ގާތްގަނޑަކަށް 161 މިލިއަން ރުފިޔާ ޚަރަދުވާއިރު، އެކަމަށް ބޭނުންވާ ފައިސާ ސަޢޫދީ ފަންޑުންނާއި، އޯޕެކް ފަންޑު މެދުވެރިކޮށް ހަމަޖެހިފައިވާކަމަށް ސަރުކާރުން ބުނެއެވެ.

އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު ޓަރޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާއިރު، ރާއްޖޭގެ އުތުރުން، ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް 150 އެނދުގެ ޖާގައިގެ ޓަރޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތްވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ އިންޑިއާގެ ނޫރުލް އިސްލާމް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއެވެ.