ކުޅިވަރު

ދެވަނަ ބުރުގައިވެސް ޓީސީ އަތުން މާޒިޔާއަށް މޮޅެއް ނުވެވުނު!


މާޒިޔާ ބަލިކޮށް ޓީސީ ލީގް ތާވަލްގެ ދެވަނައަށް ޖެހިލައިފިއެވެ. 

އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި ރޭ މާޒިޔާގެ މައްޗަށް ޓީސީ ކުރި ހޯދީ ދެވަނަ ބުރުގައި ދެ ޓީމް ކުޅުނު މެޗު ދޭއް އެކަކުން ކާމިޔާބުކޮށްގެންނެވެ. 

ލީގުގެ ފުރަތަމަ ބުރުގައިވެސް މާޒިޔާ ބަލިވީ ޓީސީ އަތުންނެވެ. މިހާތަނަށް މާޒިޔާ ލީގުގައި ބަލިވީ ދެ މެޗުންނެވެ. ދެފަހަރުވެސް ބަލިވީ ޓީސީ އަތުންނެވެ. 

ޓީސީގެ ފަރާތުން މޮޅުކުޅުމެއް ފެނިގެންދިޔަ މެޗް ފުރަތަމަ ލަނޑު ޓީސީން ޖެހީ ފުރަތަމަ ހާފްގެ އިތުރުވަގުތު ތެރޭގައި އިބްރާހީމް ވަހީދު ހަސަންއެވެ. ޓީސީން ދެވަނަ ލަނޑުޖެހީ މެޗުގެ އައްޑިހަ ފަސްވަނަ މިނިޓްގައި އިބްރާހިމް މަހުދީއެވެ. މަހުދީގެ މިލަނޑަކީ ޓީސީގެ ހާފްގެ މެދުރޮނގާ ހަމައިން ލިބުނު ބޯޅަ ހިފައިގެން މާޒިޔާގެ ޕެނެލްޓީ އޭރީޔާކައިރިން ތިން ކުޅުންތެރިން ކައިރިން ނައްޓާލާފައި އައިސް ޖެހި ލަނޑެކެވެ. 

img:http://s1.psmnews.mv/images/660x400/15086131524682.jpg|

މި ލަނޑު ޖެހިތާ ފަސް މިނިޓް ފަހުން މާޒިޔާގެ ޔަޝްފާދު ހަބީބަށް ޓީސީ ޕެނެލްޓީ އޭރިޔާތެރެއިން ކުރި ފައުލްއަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން މާޒިޔާއިން އެޓީމުގެ ލަނޑު ކާމިޔާބުކުރިއެވެ. މި ލަނޑު ޖަހައިދިނީ އިސްމާއިލް އީސައެވެ. 

މި މޮޅާއިއެކު ޓީސީ ދެވަނައި އޮތީ ބާވީސް ޕޮއިންޓާއެކުގައެވެ. މާޒިޔާ ތިންވަނައިގަ އޮތީ ނާވާރަ ޕޮއިންޓް ލިބިގެންނެވެ. ލީގް ތާވަލްގެ އެއްވަނައިގައި ނިއުރޭޑިއަންޓް އޮތީ ސައުވީސް ޕޮއިންޓާއިއެކުގައެވެ.