ޚަބަރު

އޭ.ބީ.ޔޫ ޓީވީ ސޯންގް ފެސްޓިވަލްގައި މިފަހަރު ތަސްނީމް


ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީގައި ހަރަކާތްތެރިވާ ފަންނުވެރިންގެ ހުނަރުވެރިކަމާއި ކުޅަދާނަކަން ބައިނަލްއަޤްވާމީ ފެންވަރުގައި ދެއްކުމަށް ޕަބްލިކް ސަރވިސް މީޑިއާ ޕީ.އެސް.އެމުން އަންނަނީ ތަފާތު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ ތެރެއިން ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ އޭޝިއާ ޕެސިފިކް ބްރޯޑްކާސްޓިން ޔޫނިއަން، އޭ.ބީ.ޔޫއިން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ އޭ.ބީ.ޔޫ ޓީވީ އަދި ރޭޑިއޯ ފެސްޓިވަލްގައި ޕީ.އެސް.އެމްގެ ފަރާތުން ރާއްޖެ ތަމްސީލުކުރާ ކުރުމެވެ.

ސަރަޙައްދީ ފެންވަރުގައިވެސް ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ މި ފެސްޓިވަލަކީ، މިއުޒިކް އިންޑަސްޓްރީގައި ހަރަކާތްތެރިވާ ފަރާތްތަކާއި، މިއުޒިކް އިންޑަސްޓްރީއަށް ލޯބިކުރާ އަދި މި ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތައް އެއްތަނަކުން ބައްދަލުވެ، އެ ފަރާތްތަކުގެ ހުނަރުތައް ދައްކާލުމަށް ލިބިގެންދާ އަގުހުރި ފުރުޞަތެކެވެ. އެގޮތުން މި ފެސްޓިވަލްގެ ތެރެއިން، އެކި ޤައުމުތަކުން އެ ޤައުމުތަކުގެ ސަޤާފަތާއި، އާދަކާދަތައް ޕްރޮމޯޓްކުރުމަށް މަސައްކަތް ކުރާކަންވެސް ފާހަގަކޮށްލެވެއެވެ. ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މި ފެސްޓިވަލްގައި މިފަހަރު ޕީ.އެސް.އެމްގެ ފަރާތުން ދިވެހިރާއްޖެ ތަމްސީލުކުރުމަށް ހަމަޖެހިފައިވަނީ މޯލްޑިވިއަން އައިޑަލްގެ ސީޒަން ދޭއްގެ ޓައިޓަލް ކާމިޔާބުކުރި މުޙައްމަދު ތަސްނީމްއެވެ.

ކ. މާފުއްޓަށް އުފަން މުޙައްމަދު ތަސްނީމް، އާއްމުކޮށް ކިޔާ ނަމުންނަމަ ބޮބް، މިއުޒިކީ އުދަރެހުގައި ފިޔަޖަހަން ފަށާފައިވަނީ 2014 ވަނަ އަހަރުގެ ތެރޭގައެވެ. އޭރު އޭނާއަކީ "ދި ސްޓްރިންގްސް" ނަމަކަށް ކިޔާ ބޭންޑެއްގެ މެންބަރެއް. ބައެއް އާދައިގެ ޝޯވތަކާއި ރިސޯޓްތަކުގައި ޕަރފޯމްކުރަމުންދިޔަ ތަސްނީމްގެ މިއުޒިކީ ކެރިއަރއަށް އިންޤިލާބެއް ގެނުވީ މޯލްޑިވިއަން އައިޑަލްގައި އޭނާ ބައިވެރިވި ހިސާބުންނޭ ބުނުމަކުން ދޮގަކަށްނުވާނެއެވެ.

އާއްމުންނަށް ދެކެ ފަރިތަ މޫނަކަށް ތަސްނީމް ވެގެންދިޔައީ މޯލްޑިވިއަން އައިޑަލް ސީޒަން ދޭއްގެ ޝޯވތަކުން. ފްރެންޗައިޒް އުސޫލުން ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ކާމިޔާބު ރިއަލިޓީ ޝޯވ މޯލްޑިވިއަން އައިޑަލްގެ ގްރޭންޑް ފިނާލޭ ޝޯވގައި ޙަމޫދު އަޙްމަދާއި ޝަމްވީލް މުހައްމަދާއި ވާދަކޮށް، ސީޒަން ދޭއްގެ ފަޚުރުވެރި ޓައިޓަލް ކާމިޔާބުކުރުން ތަސްނީމް ސިފަކޮށްފައިވަނީ އޭނާގެ ދިރިއުޅުން އެއްކޮށް ބަދަލުކޮށްލިކަމަކަށެވެ. މިފަހަރުގެ "އޭ.ބީ.ޔޫ ޓީވީ ސޯންގް ފެސްޓިވަލް"ގައި ތަސްނީމް ހުށައަޅައިދިނުމަށް ހަމަޖެހިފައިވަނީ "އަ ޓުއަރިސްޓް ވިއު" ނަމަކަށް ކިޔާ ލަވައެކެވެ.  

ޗައިނާގެ ސިޗުއާން ޕްރޮވިންސްގެ ވެރިރަށް ޗެންޑޫގައި ކުރިއަށްދާ މި މިފެސްޓިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ. މިފަހަރުގެ ފެސްޓިވަލްގައި އޭޝިއާ ޕެސިފިކް ސަރަޙައްދުގެ 14 ޤައުމެއްގެ ފަންނާނުން ބައިވެރިވާނެއެވެ. ރާއްޖޭގެ މަޤްބޫލު ބައެއް ފަންނާނުން މީގެ ކުރިންވެސް ވަނީ އޭ.ބީ.ޔޫ ޓީވީ އަދި ރޭޑިއޯ ސޯންގ ފެސްޓިވަލްގައި ޕީ.އެސް.އެމްގެ ފަރާތުން ބައިވެރިވެ، ރާއްޖެ ތަމްސީލުކޮށްފައެވެ.

މީގެ ތެރޭގައި، މަރިޔަމް އުނޫޝާ، އާމިނަތު ބަތުލް އަޙުމަދު ރަޝީދު އަދި ރާއްޖޭގެ ފުރަތަމަ މޯލްޑިވިއަން އައިޑަލް ލައިޝާ ޖުނައިދު ހިމެނެއެވެ. ހަމައެހެންމެ މިއަހަރުގެ ކުރީކޮޅު އިންޑިއާގައި ބޭއްވި ފުރަތަމަ އޭ.ބީ.ޔޫ އިންޓަރނޭޝަނަލް ޑާންސް ފެސްޓިވަލުގައިވެސް ދިވެހި ފަންނާނުންތަކެއް ބައިވެރިވެ، ދިވެހިންގެ ސަޤާފަތާއި ގުޅިލާމެހިފައިވާ ބޮޑުބެރުގެ ފޯރިގަދަ ހުށައެޅުމެއް ދައްކާލާފައިވެއެވެ.