ޚަބަރު

ޔޫރަޕުން ޒިޔާރަތްކުރި ފަތުރުވެރިން އިތުރުވެއްޖެ


މިއަހަރުގެ އޮގަސްޓްމަހުގެ ނިޔަލަށް ޔޫރަޕްގެ ޤައުމުތަކުން ރާއްޖެއަށް ހަތަރުސަތޭކަ ނުވަހާސް އަށްސަތޭކައަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު، މިއީ ހުސްވި އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު އެގާރަ އިންސައްތަ އިތުރު އަދަދެކެވެ. ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ޒިޔާރަތްކުރަނީ ޔޫރަޕްގެ ފަތުރުވެރިންނެވެ. އެގޮތުން ޔޫރަޕްގެ ޤައުމުތަކުގެ ތެރެއިން ފަރަންސޭސިވިލާތް، ޖަރުމަންވިލާތް، އިނގިރޭސިވިލާތް، އިޓަލީވިލާތް، ރޫސީވިލާތަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މުހިއްމު މާކެޓްތަކެކެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ އޮގަސްޓްމަހުގެ ނިޔަލަށް މި ޤައުމުތަކުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދަ ވަނީ އިތުރުވެފައެވެ. އެގޮތުން އެންމެ ބޮޑު ކުރިއެރުމެއް ލިބިފައިވަނީ ރޫސީވިލާތް އަދި އިޓަލީވިލާތުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަށެވެ.

ރޫސީވިލާތުން ރާއްޖެއަށް ތިރީސްއަށްހާސް ނުވަސްތޭކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާ އިރު، މިއީ ހުސްވި އަހަރުގެ އޮގަސްޓްމަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދާ އަޅާ ބަލާއިރު، ތިރީސްފަހެއް އިންސައްތަ އިތުރު އަދަދެކެވެ. އަދި އިޓަލީވިލާތުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ ތޭވީސް އިންސައްތަ އިތުރުވެފައެވެ. ޔޫރަޕްގެ ޤައުމުތަކުގެ ތެރެއިން ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަނީ އިނގިރޭސިވިލާތުންނެވެ. އެގޮތުން މިއަހަރުގެ އޮގަސްޓްމަހުގެ ނިޔަލަށް އިނގިރޭސިވިލާތުން ރާއްޖެއަށް ފަސްދޮޅަސް އަށްހާހަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

މީގެއިތުރުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން ޔޫރަޕްގެ އެހެން ޤައުމުތަކުންވެސް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން ސުވިޒަރލޭންޑު، ސްޕެއިން، އޮސްޓްރިއާ އިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދަށް މިއަހަރުގެ މިހާތަނަށް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ.