ޚަބަރު

ތަރައްޤީގެ މަސައްކަތްތައް ސިޔާސީ ނުކުރުމަށް ގޮވާލައްވައިފި


ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރާ މަސައްކަތް ބައެއް ފަރާތްތަކުން ސިޔާސީ ކުރުމަށް މަސައްކަތް ކުރާ ކަމަށާއި، އެކަން އެގޮތަށް ނުކުރެއްވުމަށް އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް އިލްތިމާސްކުރައްވައިފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްވެވި ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވީ، ރައްޔިތުންނަށް ބޭނުންވާ އަސާސީ ހައްޤުތައް ކަށަވަރުކޮށްދީ، ތަރައްޤީގެ އެތައް މަޝްރޫޢެއް ސަރުކާރުން ކުރިއަށްގެންދާއިރު، މިފަދަ ކަންކަމަށް ހުރަސް އެޅުމަށް ބައެއް ފަރާތްތަކުން މަދުން ނަމަވެސް މަސައްކަތް ކުރާކަމަށެވެ.

ރަށްރަށުގައި ޤާއިމުކޮށްފައިވާ ކައުންސިލްތަކަކީ ރައްޔިތުންނަށް ބޭނުންވާ ތަރައްޤީ، އެ ރަށަކާއި ހަމައަށް ގެނެސްދިނުމަށް، ސަރުކާރަށް އެއްބާރުލުންދީ، ރައްޔިތުންނާއި ސަރުކަރާ ދެމެދު މެދުވެރިއެއްގެ ދައުރު އަދާކުރާ ފަރާތްކަމަށްވެފައި، ބައެއް ކައުންސިލްތަކުން ވަކި ސިޔާސީ ފިކުރެއް ޕްރޮމޯޓްކުރަން މަސައްކަތް ކުރުމަކީ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދިއުމުގައި ސަރުކާރަށް ދިމާވާ ވަރަށް ބޮޑު ގޮންޖެހުމެއްކަމަށް މިނިސްޓަރ ޠާރިޤް ވިދާޅުވިއެވެ.

އަސާސީ ޙިދުމަތްތަކަކީ މުޅި މުޖުތަމަޢުގެ މަސްލަހަތު ހިމެނޭ ކަންކަމަށްވާއިރު، ބައެއް ކައުންސިލްތަކުން، އެ ރަށްރަށުގައި ހިންގޭ މަޝްރޫޢުތަކާއި ގުޅޭގޮތުން ރައްޔިތުންނަށް ދޮގު މަޢުލޫމާތުދީ، އެފަދަ މަޝްރޫޢުތައް ހުއްޓުވުމަށް މަސައްކަތްކުރާކަމީ ސަރުކާރުން ހިތާމަކުރާ ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި ފެނުގެ ނިޒާމް ޤާއިމުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން އައްޑޫ ސިޓީގެ މޭޔަރ ދާދިފަހުން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވީ، ވަކި ކަހަލަ ސިޔާސީ މަންފާއެއް ހާސިލުކުރުމުގެ މަޤްސަދުގައި ސަރުކާރުން ހިންގާ މަޝްރޫޢުތަކަށް ހުރަސްއަޅާ، ރައްޔިތުންގެ ހިތްތަކުގައި ނުބައި ތަސައްވުރެއް އުފެއްދުމަށް މަސައްކަތް ކުރުމަކީ ހިތާމަކުރާ ކަމެއްކަމަށެވެ. އަދި އެއީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެކަމެއް ނޫންކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ އެފަދަ އަމަލުތައް ނުހިންގުމަށް ގޮވާލައްވާފައެވެ.

އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވީ، މި ސަރުކާރުން ރައްޔިތުންނަށް ބޭނުންވާ އަސާސީ ޙިދުމަތްތައް ފޯރުކޮށްދިނުމުގައި އެއްވެސް ތަފާތު ކުރުމެއް ނުގެންގުޅޭނެކަމަށެވެ. އަދި ތަރައްޤީގެ މަޝްރޫޢުތައް ސަރުކާރުން ކުރިއަށް ގެންދަވަނީ ވަކި ކުލައަކަށް ބެލުމެއް ނެތިކަމަށާއި، އެއީ ހުރިހާ ރައްޔިތުންގެވެސް ހެވާއި ލާބައަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތަކެއްކަމަށެވެ.