ޚަބަރު

17 ނޮވެމްބަރގައި ރައްޔިތުންނަށް އުފާވެރި ޚަބަރުތަކެއް!


ނޮވެމްބަރ މަހުގެ 17 ވަނަ ދުވަހު އާ މެނިފެސްޓޯއަކާއިއެކު އުފާވެރި ޚަބަރުތަކެއް ރައްޔިތުންނަށް ގެނެސްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޕީޕީއެމްއިން ތައްޔާރު ނަމުގައި މިރޭ މާލޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަންނަ މަހުގެ ސަތާރަ ވަނަ ދުވަހަކީ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރަށް 4 އަހަރުފުރޭ ދުވަސްކަން ފާހަގަކުރައްވާ ރައީސް ވަނީ ޕީޕީއެމްގެ މުސްތަޝާރުގެ ހައިސިއްޔަތުން ކުރީގެ ސަރުކާރުން ކޮށްފައިވާ ގިނަ ކަންތައްތަކެއް ހިއްސާކުރައްވާފައެވެ.

ރައީސް ޔާމީން ވަނީ 2013 ވަނަ އަހަރުގެ ކުރީގެ އަހަރުތަކަކީ ރާއްޖެއަށް ކަޅުފޮއި ހިތްދަތިކަން ގެނެސްދިން އަހަރުތަކެއްގެ ގޮތުގައި ސިފަކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން އެމަނިކުފާނުވަނީ، ކުރީގެ ސަރުކާރުން ރާއްޖޭގެ އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓުގައި ތަޅުއަޅުވައި، ފަނޑިޔާރުންނާއި ސިޔާސީ ބައެއް ލީޑަރުން ހައްޔަރުކުރި ވާހަކަތައް ހަނދާން އާއުކުރަންޖެހޭކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖޭގެ ވެރިކަމުގެ ބާރުތަކާއި، ޝަރުޢީ ދާއިރާއާއި ޑިމޮކްރަސީއަކީ ވަކި ނިޒާމެއްގެދަށުން ހިނގާ މުއައްސަސާތަކެއްކަމަށާއި، އެތަންތަނުގެ އަގުވައްޓަލާ އެ މުއައްސަސާތައް ހުއްޓުވީ އެމްޑީޕީގެ ސަރުކާރުންކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ، މ.ކނިބިގަސްދޮށުގޭ ރައީސް މައުމޫންގެ އަތްދަށުން ވަކިކުރެއްވި މައްސަލައާއި، ޤާޒީން ހައްޔަރުކުރުމާއި ސިޔާސީ ފަރާތްތައް ހައްޔަރުކުރި ކަން ފާހަގަކުރައްވާފައެވެ. މި ހުރިހާކަމެއް ހިނގާދިޔައިރު ބައިނަލްއަޤްވާމީ މުއައްސަސާތަކާއި ޖަމްޢިއްޔާ ޖަމާޢަތްތަކުން ބަޔާންތަކާއި ޤަރާރުތައް ނެރުއްވިތޯ ރައީސް ސުވާލުކުރެއްވިއެވެ. އެއިރު އިދިކޮޅުގައި ތިއްބަވައިގެން އަދުލުވެރި ބަދަލެއް ރައްޔިތުންނަށް ގެނެސްދިނުމަށް ސާބިތުކަމާއެކު މަސައްކަތްކުރެއްވިކަމަށާއި، އެކަންކަމަށް ކެތްނުކުރެވިގެން ރާއްޖެ ދޫކުރައްވާ ބޭރަށް ވަޑައިނުގަންނަވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގެ ކޮރަޕްޝަންގެ ވާހަކަދެއްކެވި ބޭފުޅުން މިހާރު ތިއްބެވީ އިދިކޮޅުގައިކަމަށާ، ރާއްޖޭގެ ދުސްތޫރާއި ޤާނޫނުގެ ހަމަހަމަކަން ގެނެސްދެއްވީ މިސަރުކާރުގައިކަމަށެވެ. އަދި ދައުލަތުން ގެއްލުނު ފައިސާ ހޯދައިދޭން ތައްޔާރަށް އޮތީވެސް ހަމައެކަނި މިސަރުކާރުކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ޔާމީންގެ ވާހަކަފުޅުގައި ވަނީ ޤިޞާސް ހިފަން މިސަރުކާރަށް ކެރޭނެކަމަށް ވިދާޅުވާ ބަސްފުޅު ތަކުރާރުކުރައްވާފައެވެ. ޕީޕީއެމް އިން ބޭއްވި "ތައްޔާރު" ޖަލްސާގައި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއިރު ޖަލްސާގައި ރައްޔިތުންގެ މަޖްލީހުގެ ބައެއް މެމްބަރުންވެސް ވާހަކަދެއްކެވިއެވެ.