 
										
			މި ސަރުކާރުން ފާއިތުވި 3 އަހަރުގެ ތެރޭގައި އައްޑޫ ސީޓީގެ ތަރައްޤީއަށް އެކަނިވެސް 1.5 ބިލިއަން ރުފިޔާގެ އަގުހުރި މަޝްރޫޢުތައް ހިންގާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
 
އެމަނިކުފާނު މިހެން ވިދާޅުވީ، ކާނިވާ ސަރަޙައްދުގައި ސަރުކާރު ހިންގާ ކޯލިޝަނުން "ތައްޔާރު"ގެ ނަމުގައި ބޭއްވި ޙާއްސަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
 
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ، ތަރައްޤީއަށް އެކި އެކި މަޝްރޫޢުތައް ސަރުކާރުން ހިންގަވަމުންދާއިރު، އިނދިކޮޅު ފަރާތްތަކުން އެމަނިކުފާނާއި އެންމެ ގިނައިން ކުރިމަތި ކުރުވާ އެއް ސުވާލަކީ ރާއްޖޭގެ އާބާދީ އެންމެ ބޮޑު އެއް ސަރަޙައްދުކަމަށްވާ އައްޑޫ ސިޓީ ތަރައްޤީކުރެވިދާނެ ކަމާމެދު އުފައްދާ ސުވާލުކަމަށެވެ. މިސުވާލަށް ރައްދުދެއްވަމުން ރައީސް ޔާމީން ވިދާޅުވީ، އައްޑޫ ސިޓީ ތަރައްޤީކުރުމުގެ ފުރުޞަތު ކުރީގެ ސަރުކާރުތަކަށްވެސް ލިބުންކަމަށާއި، އެބޭފުޅުން އެކަމަށް ނުކުޅެދިފައިވާކަމަށެވެ. ނަމަވެސް މިއަދުގެ ސަރުކާރުން އައްޑޫ ސިޓީގެ ތަރައްޤީއަށް އެކަނިވެސް 1.5 ބިލިއަން ރުފިޔާގެ އަގުހުރި މަޝްރޫޢުތައް ފާއިތުވި 3 އަހަރު ދުވަހުގެ ތެރޭގައި ހިންގާފައިވާކަމަށާއި، އައްޑޫ ސިޓީ ތަރައްޤީކުރުމާމެދު އިނދިކޮޅު ފަރާތްތަކަށް ސުވާލު އުފެއްދުމުގެ ޖާގައެއް މިއަދު ނެތްކަމަށެވެ. އައްޑޫ ސިޓީގެ ތަރައްޤީއަށް މިހާރުވެސް ސަރުކާރުން ހިންގާ ބޮޑެތި މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ޔާމީން ވިދާޅުވީ، އައްޑޫ ސީޓީގެ ރައްޔިތުން ދެންވެސް ބޭނުންވާ ތަރައްޤީ ގެނެސްދެވޭނެ ޤާބިލުކަން ލިބިފައިވާ ހަމައެކަނި ސަރުކާރަކީ މި ސަރުކާރުކަމަށެވެ.
 
 tw:https://twitter.com/PSMnewsmv/status/921068779118796800 
 
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްޙޫރިއްޔާ ޢަބްދުﷲ ޔާމީން ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ކޮރަޕްޝަނާއި ފަސާދައިގެ ޢަމަލުތަކުން މި ޤައުމު ދުރުކޮށް، ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުއްދައިދިނުންކަމަށެވެ. އެގޮތުން މި ސަރުކާރުގެ ހިންގުންތެރިކަން ބަލާލި ކޮންމެ ދިމާލަކުންވެސް މިހާރު ފެންނާނެކަން ފާހަގަކުރައްވާ، އައްޑޫ ސިޓީގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެތައް މިލިއަން ރުފިޔާގެ މަޝްރޫޢުތައް މިހާރުވެސް ކުރިއަށްދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
 
 tw:https://twitter.com/PSMnewsmv/status/921072966955233280 
 
މި ސަރުކާރުން ބޭނުންވަނީ އިދިކޮޅު ފަރާތްތަކާއި ދިމާލަށް ގަދަ ބަސް ބުނުމުގެ ބަދަލުގައި، ޤައުމުގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކޮށް، ޤައުމު އާރާސްތުކުރުމަށްކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާ، ރައީސް ޔާމީން ވިދާޅުވީ، އިނދިކޮޅު ފަރާތްތަކުން ސަރުކާރަށް ކިތަންމެ ފިއްތުންތަކެއް ކުރިމަތިކުރުވި ނަމަވެސް، ޤައުމު ތަރައްޤީކުރުމަށް ކުރާ މަސައްކަތުގައި އެމަނިކުފާނު ސާބިތުކަމާއެކު ދެމިހުންނަވާނެކަމަށެވެ.