ސިއްހަތު

ޖަޕާނު ސަރުކާރުން މެޑިކަލް ސާމާނުތަކެއް ހަދިޔާކޮށްފި


ސިއްހީ ދާއިރާއަށް ބޭނުންވާ ބައެއް ސާމާނު, ޖަޕާނު ސަރުކާރުން ރާއްޖެއަށް ހަދިޔާކޮށްފިއެވެ.

ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން 14 މިލިޔަނަށްވުރެ ގިނަ ރުފިޔާގެ އަގުހުރި މެޑިކަލް ސާމާނު މިނިސްޓްރީ އޮފް ހެލްތާ ހަވާލު ކޮށްދެއްވީ، އެމިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެހީގެ ތަކެތި ހަވާލުކޮށްދެވީ ޖަޕާން ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކަޒޫމީ އެންދޯއެވެ. ދިވެހި ސަރުކާރުގެ ފަރާތުން އެހީއާއި ހަވާލުވެވަޑައިގަތީ މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޒިމް އިބްރާހިމްއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ނާޒިމް ވިދާޅުވީ މިއަދު އެހީގެ ގޮތުގައި ލިބުނު ތަކެތީގެ ތެރެއިން ބައެއް ތަކެތި މިހާރު ރާއްޖެ ގެނެސްފައިވާކަމަށާއި އަތޮޅުތަކުގެ ސިއްހީ ހިދުމަތް ފޯރުކޮށްދޭ ތަންތަނަށް މި ތަކެތި ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ޖަޕާން ސަރުކާރުން ފޯރުކޮށްދިން މި އެހީގެ ސަބަބުން އަތޮޅުތަކުގައި ދެމުންދާ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ވާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖަޕާން ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކަޒޫމީ އެންދޯ ވަނީ ރާއްޖޭގެ ސިއްހީ ދާއިރާއިން ހޯދަމުންދާ ކުރިއެރުންތައް ފާހަގަކުރައްވާ އެކަމަށް ތަޢުރީފްކުރައްވާފައެވެ. ހިލޭ އެހީގެ ދަށުން ހަވާލުކުރި ތަކެތީގެ ތެރޭގައި އިންކިއުބޭޓަރއާއި ޑެންޓަލް ޔުނިޓްތަކާއި ވެންޓިލޭޓަރު ފަދަ މުހިއްމު ތަކެތި ހިމެނެއެވެ.

2013 ވަނަ އަހަރުވެސް ޖަޕާން ސަރުކާރުން ވަނީ 7 މިލިޔަންއަށްވުރެ ގިނަ ރުފިޔާގެ މެޑިކަލް އިކުއިޕްމަންޓް ދިވެހިރާއްޖޭގެ ސިއްހީ ދާއިރާއަށް ހަދިޔާ ކޮށްފައެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ސިއްހީ ދާއިރާ ތަރައްޤީކުރުމަށް މިއަހަރުގެ އޭޕްރިލް މަހުގައިވެސް 9.3 މިލިޔަން ރުފިޔާގެ މެޑިކަލް އިކުއިޕްމަންޓް ހަދިޔާ ކޮށްފައިވެއެވެ.