ޚަބަރު

ގިނަ އަދަދެއްގެ ބަނގުރަލާއި އޫރުމަސް ނައްތާލައިފި


މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ އާއި އޫރުމަސް އަދި އޫރުމަސް އެކުލެވޭ ތަކެތި ނައްތާލައިފިއެވެ.

މިތަކެތި ނައްތާލާފައިވަނީ ތިލަފުށީގެ ކުނި ނައްތާލާ ސަރަހައްދުގައި، ކަސްޓަމްސް އޮފިސަރުންނާއި މީޑިއާގެ ޚާޞިރުގައެވެ. ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ، އެކިއެކި ސަބަބުތަކާހެދި ކަސްޓަމްސްގައި ހިފެހެއްޓިފައި ހުރި ތަކެއްޗެވެ. މީގެ ތެރޭގައި ހިމެނެނީ، ބަނގުރަލުގެ ބާވަތްތައް އެކުލެވޭ އަށްޑިހަ ނުވަހާސް ތިންސަތޭކަ ފަންސާސް ތިން ފުޅިއާ، އެގާރަސަތޭކަ އަށް ދަޅު ބިޔަރާއި، ތިންހާށް ހަތަރުސަތޭކަ އެގާރަ ކިލޯގެ އޫރުމަހެވެ.

ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ޗީފް ކަސްޓަމްސް އޮފިސަރު އާދަމް ހަލީމް ވިދާޅުވީ ނައްތާލި ތަކެތީގެ ތެރޭގައި ދެހާސް ފަނަރަވަނަ އަހަރުން ފެށިގެން ކަސްޓަމްސްގެ ބޮންޑެޑް ވެއާ ހައުސްގައި ބަހައްޓާފައިވާ ބަނގުރަލާއި އޫރުމަސް ހިމެނޭކަމަށެވެ.

މިއަދު ނައްތާލި ބަނގުރަލާއި އޫރުމަސް އަދި އޫރުމަސް އެކުލެވޭ ތަކެއްޗަކީ، ކަސްޓަމްސްގެ އާންމު ޤަވާއިދުގެ ދަށުން މިފަދަ ތަކެތި ނައްތާލުމަށް ޤާއިމްކުރެވިފައިވާ އުސޫލުގެ ދަށުން ނައްތާލެވުނު ތަކެއްޗެވެ. އެކިއެކި ސަބަބުތަކާހުރެ ކަސްޓަމްސްގައި ހިފެހެއްޓިފައި ހުންނަ މިބާވަތުގެ ތަކެތި ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން ނައްތާލެވިދާނެކަމަށް ކަސްޓަމްސްގެ އާންމު ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.