ޚަބަރު

ޕީ.އެސް.އެމާއި ޖަޕާނު އެމްބަސީ ގުޅިގެން ޚާއްޞަ ޝޯއެއް ބާއްވައިފި


ދިވެހިރާއްޖެއާއި ޖަޕާނާދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 50 އަހަރު ފުރުން ފާހަގަކުރުމަށް ޕީ.އެސް.އެމާއި ޖަޕާނު އެމްބަސީ ގުޅިގެން ޚާއްޞަ ޝޯއެއް ބާއްވައިފިއެވެ.

ދިވެހިރާއްޖެއާއި ޖަޕާނާދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 50 އަހަރު ފުރުން ފާހަގަކުރުމަށް ޕަބްލިކް ސަރވިސް މީޑިއާއާއި ޖަޕާނު އެމްބަސީ ގުޅިގެން ބޭއްވި ޚާއްޞަ ޝޯ ބާއްވާފައިވަނީ ޕަބްލިކް ސަރވިސް މީޑިއާގެ ޓީވީ ބިލްޑިންގގައެވެ.

މި ޝޯ ފެށުމުގެ ގޮތުން ވާހަކަދައްކަވަމުން ޕީ.އެސް.އެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އައިމިނަތު ޝާޔަން ޝާހިދު ވަނީ ޖަޕާނާ ދިވެހިރާއްޖެއާ ދެމެދު އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުވާލާފައެވެ. އެގޮތުން ޖަޕާނުން ރާއްޖޭގެ ތަރައްޤީއަށް ބޮޑެތި އެހީތަކެއް ވެފައިވާކަން ފާހަގަކުރެއްވިއެވެ.

ޚާއްޞަ ގޮތެއްގައި ދައުލަތުގެ މީޑިއާގެ ތަރައްޤީއަށް ޖަޕާނު ސަރުކާރުން ވެދެއްވާ އެހީ ފާހަގަކުރައްވާ، ޝާޔަން ވަނީ ދިވެހިރާއްޖޭގައި ޑިޖިޓަލް ޓެރެސްޓީރިއަލް ޓެލެވިޜަން ބްރޯޑްކާސްޓިންގ ނެޓްވޯރކް ތަރައްޤީ ކުރުމަށް ޖަޕާނު ސަރުކާރުން ވެދެއްވަމުންގެންދަވާ އެހީ ފާހަގަކުރައްވާފައެވެ.

މި ޝޯ ފެށުމުގެ ގޮތުން ވާހަކަދައްކަވަމުން ރާއްޖޭގައި ހުންނަވާ ޖަޕާނު ސަފީރު ވިދާޅުވީ ދިވެހިރާއްޖެއާއެކު ޤާއިމުވެފައި އޮތް ގުޅުން ޖަޕާނުން ބަލައިގަންނަކަމަށާއި، މި ގުޅުން ކުރިއަށްއޮތް ތަނުގައި އިތުރަށް ބަދަހިވެގެންދާނެކަމަށެވެ.

ދިވެހިރާއްޖެއާއި ޖަޕާނާދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 50 އަހަރު ފުރުން ފާހަގަކުރުމަށް ޕަބްލިކް ސަރވިސް މީޑިއާއާއި ޖަޕާނު އެމްބަސީ ގުޅިގެން ބޭއްވި ޚާއްޞަ ޝޯ ގައި އެންމެ ފާހަގަކޮށްލެވުނު ކަމަކީ ޖަޕާނުގެ މަޝްހޫރު ބެރު ގްރޫޕް ވަޑައިކޯ ސައިއާއި، ރާއްޖޭގެ މަޝްހޫރު ބޮޑުބެރު ގްރޫޕް ގުޅިގެން ހުށައަޅައިދިން އައިޓަމެވެ. މި އައިޓަމްގައި ދެ ޤައުމުގެ ސަޤާފީ ހަރަކާތްތައް ދައްކާލާފައިވެއެވެ.

ޖަޕާނުގެ ވަޑައިކޯ ސައި ބެރު ގްރޫޕަކީ ޖަޕާނުގައި މަޝްހޫރުކަން ހޯދާފައިވާ ބެރު ގްރޫޕެކެވެ. އެގޮތުން އެގްރޫޕުން ވަނީ ޖަޕާނުގައި ބޭއްވި ބެރުޖެހުމުގެ މުބާރާތްތައް ކާމިޔާބު ކޮށްފައެވެ. އަދި އެ ދާއިރާއިން އެވޯޑްތައް ކާމިޔާބުކޮށްފައިވެއެވެ. ޖަޕާނުގެ އިތުރުން އަޒަރބައިޖާންއާއި، ލެޓިން އެމެރިކާގެ ޤައުމުތަކުގައި މި ބެރު ގްރޫޕް ވަނީ މަޝްހޫރުކަން ހޯދާފައެވެ.

ޕީ.އެސް.އެމް ނިއުސްއަށް މައުލޫމާތުދެމުން މި ބެރު ގްރޫޕްގެ މެމްބަރުން ބުނީ ރާއްޖޭގައި އެމީހުންގެ އައިޓަމްތައް ހުށައަޅާލަން ލިބުމުން އުފާކުރާކަމަށެވެ. އަދި ޖަޕާނުގައި ރާއްޖެ މަޝްޙޫރުކަމަށާއި، އަބަދުވެސް ރާއްޖެ އަންނަން ބޭނުންވާކަމަށް އެމީހުން ފާހަގަކުރިއެވެ.

ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 14 ނޮމެންބަރު 1967 ގައެވެ. ދެޤައުމުގެ ގުޅުމަށް 50 އަހަރު މިއަހަރު ފުރޭއިރު، ދެޤައުމަކީ އެއްޤައުމު އަނެއްޤައުމަށް އެކި ގޮތްގޮތުން އެހީތެރިކަން ދެމުންގެންދާ ޤައުމެކެވެ. ސައި ބެރު ގްރޫޕްގެ ހުށައެޅުމުގެ ތެރެއިންވަނީ ޖަޕާނަށް 2011 ވަނަ އަހަރު އެރި ސުނާމީ އާ ގުޅިގެން ރާއްޖެއިން އެޤައުމަށް ފޯރުކޮށްދިން އެހީއަށް ޝުކުރު އަދާކޮށްފައެވެ.