ޚަބަރު

ކާބޯތަކެއްޗާބެހޭ ޤާނޫނެއް ރާއްޖޭގައި އެކުލަވާލަނީ


ކާބޯތަކެއްޗާބެހޭ ގާނޫނެއް ހަދަން ތައްޔާރުވަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ. 

ކާބޯތަކެތީގެ ރައްކާތެރިކަމާބެހޭ ފުރަތަމަ ސިޔާސަތު ލޯންޗުކޮށްދެއްވުމަށް ފަހު ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރ ވިދާޅުވީ އެ ބިލް ޑްރާފްޓުކުރުމުގެ ގިނަ މަސައްކަތްތަކެއް ނިމިފައިވާ ކަމަށެވެ. މިނިސްޓަރ ވިދާޅޫވީ ކާބޯތަކެއްޗާބެހޭ ބިލަށް ގާނޫނީ ލަފާ ވެސް ހޯދަމުން އަންނަ ކަމަށާއި އެ ބިލް ގާނޫނަކަށް ވުމުން ކާބޯތަކެތި ރައްކާތެރިކުރުމުގެ މަސައްކަތްތައް ހަރުދަނާ ގޮތެއްގައި ކުރެވޭނެ ކަމަށެވެ.

ބިލް ޑްރާފްޓްކުރުމުގައި ކަމާ ބެހޭ މިނިސްޓްރީތަކާއި ޖަމިއްޔާތަކުގެ އިތުރުން އެ ދާއިރާއާ ގުޅުން ހުރި އެކި ފަރާތްތަކުގެ އެއްބާރުލުން ލިބޭކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ މި ބިލް ޤާނޫނަކަށް ވުމުން ކާބޯތަކެތީގެ ރައްކާތެރިކަމާ ބެހޭ ސިޔާސަތުގެ އޮނިގަނޑާ އެއްގޮތަށް މަސައްކަތް ކުރަމުންދާނެކަމަށެވެ.