ޚަބަރު

ކާބޯތަކެއްޗާބެހޭ ޤައުމީ ސިޔާސަތު އިފްތިތާހުކޮށްފި


ރާއްޖޭގައި ފުރަތަމަ ފަހަރަށް އެކުލަވާލި ކާބޯތަކެއްޗާބެހޭ ޤައުމީ ސިޔާސަތު އިފްތިތާހުކޮށްފިއެވެ. 

މިއަދު ހެލްތު މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި މި ސިޔާސަތު އިފްތިތާހުކޮށްދެއްވީ ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމްއެވެ. ކާބޯތަކެއްޗާ ބެހޭ ޤައުމީ ސިޔާސަތަކީ ދިހައަހަރު ދުވަހުގެ މުއްދަތަކަށް އެކުލަވާލި ސިޔާސަތެކެވެ. މިސިޔާސަތު އެކުލަވައިލުމަށް ދެހާސް ފަނަރަވަނަ އަހަރުން ފެށިގެން  މަސައްކަތް ކުރަމުންދިޔައިރު މި ސިޔާސަތު އެކު ލަވާލައިފައިވަނީ ޑަބްލިޔު.އެޗް.އޯގެ ކޮންސަލްޓެންޓުންގެ މަޝްވަރާތަކާއެކުއެވެ.  

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޮރިޓީ ބުނީ މި ސިޔާސަތު އެކުލަވާލުމުގައި އެސްޑީޖީގެ ގޯލްސްއާއި، ހެލްތު މާސްޓަރ ޕްލޭންގެ އިތުރުން ބައިނަލްއަގްވާމީ ގޮތުން ރާއްޖެ ބައިވެރިވާ ބައެއް މުއާހަދާތަކަށް ރިއާޔަތް ކޮށްފައިވާނެކަމަށެވެ.

ކާބޯތަކެއްޗާބެހޭ ގައުމީ ސިޔާސަތު އިފްތިތާހް ކޮށްދެއްވުމަށްފަހު ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ ކާބޯތަކެއްޗަކީ ދިރިއުޅުމުގައި ކޮންމެ މީހަކަށް ބޭނުން އެއްޗަކަށް ވާއިރު، ކާބޯތަކެތީގެ ރައްކާތެރިކަން އެކި މަރުހަލާތަކުގައި ކަށަވަރުވެފައި އޮތުމަކީ ސިއްހީ ގޮތުން ކުރާނެ ފައިދާއެއްކަމަށެވެ. ސަރުކާރުގެ ސިޔާސަތު ބައްޓަން ކޮށްފައިވަނީ ދިވެހި ރަށްޔިތުންނަށް ރަނގަޅު ސިއްހީ ނިޒާމެއް ޤާއިމްކުރުންކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މިހާރު ރާއްޖޭގައި ކާބޯތަކެއްޗާ ބެހޭ ރިސަރޗެއް ހެދިފައިނެތަސް، އެކަން ކުރަން ބޭނުންވާ ފަރާތްތަކަށް ހިތްވަރުދޭނެކަމަށެވެ.

މީގެ އިތުރުން މިނިސްޓަރ ވަނީ މި ސިޔާސަތަށް އެންމެންގެ އެއްބާރުލުން ދިނުމަށް ގޮވާލާފައެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑަބްލިޔު.އެޗް.އޯއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ އަރްވިންދް މާތުރު ވިދާޅޫވީ ކާބޯތަކެއްޗާއި ބެހޭ ޤައުމީ ސިޔާސަތު ހުންނަންޖެހޭ ހުރިހާ ސިޔާސަތުތަކެއް ހުރިކަން ފާހަގަކުރިއެވެ. އަދި ރައްޔިތުން ދުޅަހެޔޮ ސިއްޙަތެއްގައި ބެހެއްޓުމަށްޓަކައި މި ސިޔާސަތު ވަރަށް މުހިންމުކަން އަރްވިންދް ފާހަގަކުރެއްވިއެވެ.

މި ސިޔާސަތުގައި މައިގަނޑު ހަތަރު ކަމެއް އެކުލަވާލައިފައިވެއެވެ. އޭގެތެރޭގައި ކާބޯތަކެތި ފޯރުކޮށްދިނުމުގައި އުފެއްދުމާއި، ތައްޔާރު ކުރުމާއި، އެތެރެކުރުން، އަދި ވިއްކާ ކާބޯތަކެއްޗަކީ ސިއްޙަތަށް ފައިދާ ހުރި ފެންވަރު ރަނގަޅު ތެކެއްޗަށް ހެދުމާއި، ކާބޯތަކެތި ރައްކާތެރިކުރުމުގެ އޮނިގަނޑު ހަރުދަނާ ކުރުމާއި މިފަދަ ކަންކަން ތަންފީޒް ކުރުމުގައި އުޅޭ ފަރާތްތަކުގެ ގުޅުން ހަރުދަނާ ކުރުމާއި، ކާބޯތަކެތީގެ ރައްކާތެރިކަމަށް އާންމުން ހޭލުންތެރިކުރުމުގެ އިތުރުން ކަމާ ބެހޭ މުއައްސަސާ ބައިވެރިކޮށް ގުޅިގެން މަސައްކަތް ކުރުމާއި އަދި ތައުލީމީ ގޮތުން މިކަމަށް ރިސާޗް ކުރުން ހިމެނެއެވެ.