ކުޅިވަރު

ދެވަނަ ބުރުގެ އުއްމީދާއިއެކު ބީޗް ވޮލީ ޓީމް ފުރައިފި


އޭވީސީ ބީޗް ވޮލީ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ގައުމީ ބީޗް ވޮލީ ޓީމް ރޭ އިންޑޮނޭޝިއާ އަށް ފުރައިފިއެވެ. 

މި މަހު 19 އިން 23 ގެ ނިޔަލަށް އިންޑޮނޭޝިއާގެ ޕަލެމްބަންގް ގައި ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ މުބާރާތުގައި ރާއްޖޭގެ ޓީމްގައި ހިމެނޭ 4 ކުޅުންތެރިންނަކީ ޝިއުނާޒް އަބްދުލް ވާހިދް، އަހުމަދު އަނިލް ނަސީރު، އަދުނާނު އަބްދުލް ހަމީދް އަދި އާދަމް ނަސީމެވެ. 

ޤައުމީ ބީޗް ވޮލީ ޓީމް އިންޑޮނޭޝިއާ އަށް ފުރުމުގެ ކުރިން ރޭ ސިޓީ ގާޑަންގައި ބޭއްވި ކުޑަ ރަސްމީޔާތެއްގައި ކުޅުންތެރިންނަށް ވަނީ ޖާޒީ ހަވާލުކޮށްފައެވެ. 

ޕީއެސްއެމް ސްޕޯޓްސްއާއި ވާހަކަދައްކަމުން ޓީމުގެ ކެޕްޓަން ޝިއުނާޒް އަބްދުލް ވާހިދް ބުނީ މި މުބާރާތަށް ޓީމަށް އެންމެ ރަނގަޅަށް ތައްޔާރު ނުވެވޭ ކަމަށާއި އެހެންނަމަވެސް އަމާޒަކީ ދެ މެޗުން މޮޅުވެ ދެވަނަ ބުރަށް ދިއުން ކަމަށެވެ. އަދި މި މުބާރާތުގައި އޮސްޓްރޭލިއާ، ތަޖަކިސްތާން، އިންޑޮނޭޝިއާ ފަދަ ގައުމުތަށް ބައިވެރިވަތީ މުބާރާތް ވަރަށް ވަރުގަދަ ވާނެކަން ކެޕްޓަން ޝިއުނާޒް ފާހަގަކުރިއެވެ.

"އެންމެ ހިތްހަމަޖެހޭ ވަރަށް ތައްޔާރު ނުވެވޭ، އެކަމަކު ރަނގަޅު ފައިޓެއް ދެވޭނެ، ވަރުގަދަ ޤައުމުތައް ވާދަކުރާ މުބާރާތެއް މިއީ" ޝިއުނާޒް ބުންޏެވެ.

އޭވީސީ ބީޗް ވޮލީ މުބާރާތުގެ ކޮލިފިކޭޝަން ނުކުޅެ ރާއްޖޭގެ ގައުމީ ބީޗްވޮލީ ޓީމް ވަނީ މުބާރާތަށް ކޮލިފައިވެފައެވެ. ރާއްޖެއަށް މުބާރާތުގެ ސީދާ ޖާގައެއް ލިބުނީ ރާއްޖޭގެ ޕެއަރތަކުގެ ޕޮއިންޓް މަތިވުމުންކަމަށް ވީއޭއެމުން ހާމަކުރެއެވެ.