ޚަބަރު

އަލިޓާލިއާގެ ދަތުރުތައް މިމަހު ރާއްޖެއަށް ފަށަނީ


އިޓަލީވިލާތުގެ ޤައުމީ އެއަރލައިން އަލިޓާލިއާގެ ދަތުރުތައް މިމަހުގެ އެއްތިރީހުގައި ރާއްޖެއަށް ފެށުމަށް ނިންމައިފިއެވެ.

އަލިޓާލިއާގެ ވެބްސައިޓްގައި މިހާރުވަނީ އެ އެއަރލައިނުން ރާއްޖެއަށް ފެށުމަށް ހަމަޖެހިފައިވާ ދަތުރުތައް އިޝްތިހާރުކޮށް ޓިކެޓް ވިއްކަން ފަށާފައެވެ. އަލިޓާލިއާއިން ހަފްތާއަކު ތިން ދުވަހު ރާއްޖެއަށް ދަތުރުތައް ބާއްވާނެއެވެ. އެއީ އަންގާރަ، ހުކުރު އަދި ހޮނިހިރުދުވަހެވެ.

އަލިޓާލިއާގެ މި ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ރޯމުން ސީދާ ރާއްޖެއަށެވެ. މި ދަތުރުތަކުގައި ބޭނުންކުރާނީ، އެއަރބަސް ދުއިއްސައްތަ ފަންސާސް މީހުންގެ ޖާގައިގެ ބޯޓެކެވެ. އިޓަލީއަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ވަރަށް ހާއްސަ މުހިއްމު މާކެޓެކެވެ. ރާއްޖެއަށް ފަތުރުވެރިކަން ތައާރަފްވުމާއިއެކު އެންމެ ފުރަތަމަ ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ އިޓަލީވިލާތުގެ ރައްޔިތެކެވެ. 

ޓޫރިޒަމް މިނިސްޓްރީން ނެރެ އާއްމުކޮށްފައިވާ އެންމެފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ އޮގަސްޓްމަހުގެ ނިޔަލަށް އިޓަލީން ރާއްޖެއަށް ފަންސާސް އަށްހާހަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. ޓޫރިޒަމް މިނިސްޓްރީން ބުނާގޮތުގައި އަލްއިޓަލިއާގެ ސީދާ ދަތުރުތައް ރާއްޖެއަށް ފެށުމާއިއެކު އިޓަލީން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ވަރަށްބޮޑުތަން އިތުރުވެގެންދާނެއެވެ.