ޚަބަރު

ފުވައްމުލަކުގައި ފިޒިއޮތެރަޕީ ދެވޭނެ އިންތިޒާމް ހަމަޖައްސައިފި


ފުވައްމުލަކު އަތޮޅު ހޮސްޕިޓަލުގައި ފިޒިއޮތެރަޕީ ޑިޕާޓްމަންޓެއް ހުޅުވައިފިއެވެ. 

ފުވައްމުލަކު އަތޮޅު ހޮސްޕިޓަލުގެ ބާ އިމާރާތުގައި ޤާއިމްކޮށްފައިވާ މި ފިޒިއޮތެރަޕީ ޑިޕާޓްމަންޓް ހުޅުވައިދެއްވީ ފުވައްމުލަކު ހާފިޒު އަހުމަދު ސްކޫލުގެ ޕްރިންސިޕަލް މުޙައްމަދު ފަޔާޒްއެވެ. މި ޑިޕާޓްމަންޓުން ދޭނެ ފަރުވާތަކުގެ ތެރޭގައި، ޓްރެކްޝަން، ކަރާއި ބުރަކަށީގައި ދިމާވާ މައްސަލަތަކަށް ޚާއްސަ ފަރުވާ، އަލްޓްރާ ސައުންޑް ސަރވިސަސް، އައްސިވުމާއި ނާރުގެ މައްސަލަތަކަށް ޚާއްސަ ފަރުވާ، އިންފްރާރެޑް ތެރަޕީ އަދި ބައެއް އޮޕްރޭޝަންތަކާ ގުޅިގެން ދެވޭ ފަރުވާތައް ހިމެނެއެވެ. 

img:http://s4.psmnews.mv/images/660x400/15080777932499.JPG|ފުވައްމުލަކު އަތޮޅު ހޮސްޕިޓަލުގައި ފިޒިއޮތެރަޕީ ޑިޕާޓްމަންޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

ފިޒިއޮތެރަޕީ ޑިޕާޓްމަންޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފުވައްމުލަކު އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރ ވަނީ ހޮސްޕިޓަލުން ދޭ ޚިދުމަތްތައް ފުރިހަމަ ކުރުމަށް ފާއިތުވި 3 އަހަރު ތެރޭގައި 4.8 މިލިއަން ރުފިޔާ ހޭދަކޮށްފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ކުރިއަށް އޮތް ދެ ހަފްތާއެއްގެ ތެރޭގައި ދަތުގެ ފަރުވާ ދިނުމަށްޓަކާ ޑެންޓަލް ކެއަރގެ ޚިދުމަތްވެސް ތަޢާރަފުކުރުމަށް ހަމަޖެހިފައިވާކަން އެނާ ފާހަގަކުރެއްވިއެވެ. ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު އަށަކުން ހަވީރު ހަތަރަކަށް މި ޑިޕާޓްމަންޓުން ފިޒިއޮތެރަޕީގެ ޚިދުމަތް ލިބޭނެކަމަށް ފުވައްމުލަކު އަތޮޅު ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ.