ޚަބަރު

ޕިކްޗަރ ސްޓޯރީ ބުކްގެ މީޑިއާ ޕާޓްނަރ އަކަށް މޯލްޑިވްސް ޓީވީ


ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށް ޕިކް މޯލްޑިވްސް އިން ނެރޭ ފޮޓޯ ބުކްގެ މީޑިއާ ޕާރޓްނަރަކަށް ޕީ.އެސް.އެމްގެ މޯލްޑިވްސް ޓީވީ ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި ފޮޓޯބުކްއަކީ ރާއްޖޭގެ ރީތި މަންޒަރުތަކާއި، ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިން ރާއްޖެއާ ގުޅޭގޮތުން ލިޔެފައިވާ ރިވިއުތައް ހިމަނައިގެން ދުނިޔޭގެ 15 ޤައުމެއްގައި ނެރުމަށް ހަމަޖެހިފައިވާ ޕަބްލިކޭޝަނެކެވެ.

ޕިކް މޯލްޑިވްސް އިން ނެރޭ ފޮޓޯ ބުކްގެ މީޑިއާ ޕާރޓްނަރަކަށް ޕީ.އެސް.އެމްގެ މޯލްޑިވްސް ޓީވީ ހަމަޖައްސައި އެކަމާބެހޭ އެއްބަސްވުމުގައި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ ޕީ.އެސް.އެމްގެ ޑިރެކްޓަރ އީ-ކޮމާރސް އެންޑް މާރކެޓިން އިބްރާހީމް ނަސްރީނެވެ. ޕިކް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ ފައުންޑަރ ރިޢާޔަތު ޢަބްދުލްމަޖީދެވެ.

img:http://s4.psmnews.mv/images/660x400/15080596913010.jpg|ޕިކް މޯލްޑިވްސް އިން ނެރޭ ފޮޓޯ ބުކްގެ މީޑިއާ ޕާރޓްނަރަކަށް ޕީ.އެސް.އެމްގެ މޯލްޑިވްސް ޓީވީ ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައި ސޮއިކުރުން- ފޮޓޯ: ޕީއެސްއެމް

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ޕީ.އެސް.އެމްގެ ޑިރެކްޓަރ އީ-ކޮމާރސް އެންޑް މާރކެޓިން އިބްރާހީމް ނަސްރީން ވިދާޅުވީ، ޕީ.އެސް.އެމްގެ މޯލްޑިވްސް ޓީވީން ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށް ހިންގާ މިފަދަ ކަންކަމުގައި އެއްބާރުލުންދިނުމަށް އިސްކަން ދޭކަމަށެވެ. އަދި ޕިކް މޯލްޑިވްސްގެ މި ފޮތަކީ ދުނިޔޭގެ ގިނަ ޤައުމުތަކެއްގައި ރާއްޖެ އިސްތިހާރު ކުރުމަށްޓަކައި ބޭނުންކުރެވޭނެ ފޮތަކަށް ވުމާއެކު، މި އެއްބަސްވުމާ ގުޅިގެން ބައިނަލްއަޤްވާމީ މާރކެޓްގައި މޯލްޑިވްސް ޓީވީ ޕްރޮމޯޓްކުރުމަށް ޕީ.އެސް.އެމުން ކުރަމުންދާ މަސައްކަތައް އިތުރު ކުރިއެރުމެއް ލިބިގެންދާނެކަމަށް ނަސްރީން ވިދާޅުވިއެވެ.

img:http://s1.psmnews.mv/images/660x400/15080596257214.jpg|ޕީ.އެސް.އެމްގެ ޑިރެކްޓަރ އީ-ކޮމާރސް އެންޑް މާރކެޓިން އިބްރާހީމް ނަސްރީން- ފޮޓޯ: ޕީއެސްއެމް

"ޕީ.އެސް.އެމްގެ މޯލްޑިވްސް ޓީވިއަކީ އިންޓަރނޭޝަނަލް ކޮމިއުނިޓީއަށް އަޅުގަނޑުމެން ޕްރޮމޯޓްކުރަން ބޭނުންވާ ވަކިން ޚާއްޞަކޮށް އެކި ރީޖަންތަކުގެ ޓްރެވަލް މާރކެޓްތަކަށް އަޅުގަނޑުމެން ރީޗްކުރަން ބޭނުންވާ ޕްލެޓްފޯމަކަށް ވީމަ މިފަދަ ޕްލެޓްފޯމަކާއެކު ޕީ.އެސް.އެމްގެ މޯލްޑިވްސް ޓީވީއަށްވެސް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ. އަދި ޚާއްޞަކޮށް މޯލްޑިވްސް ޓީވީ ޕްރޮމޯޓްކުރުމަށް އިތުރު އެޑްވާންޓޭޖްތަކެއް އަޅުގަނޑުމެންނަށް ލިބިގެންދާނެ." ނަސްރީން ވިދާޅުވިއެވެ.

ޕިކް މޯލްޑިވްސްގެ ފައުންޑަރ ރިޢާޔަތު ޢަބްދުލްމަޖީދު ވިދާޅުވީ މި ފޮޓޯ ބުކް ޕްރިންޓް ކުރުމަށް ހަމަޖެހިފައިވަނީ ސުވެނިއަރ ކޮލިޓީގައި، ދިގުމުއްދަތަކަށް ބޭނުންކުރެވޭގޮތަށްކަމަށެވެ. އަދި މި ފޮޓޯ ބުކްގެ މީޑިއާ ޕާރޓްނަރަކަށް ޕީ.އެސް.އެމް ހަމަޖެހުމަކީ މި މަސައްކަތަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

img:http://s2.psmnews.mv/images/660x400/15080596654619.jpg|ޕިކް މޯލްޑިވްސްގެ ފައުންޑަރ ރިޢާޔަތު ޢަބްދުލްމަޖީދު- ފޮޓޯ: ޕީއެސްއެމް

"ގާތްގަނޑަކަށް 15 ވަރަކަށް ޤައުމުގައި އަޅުގަނޑުމެން ޑިސްޓްރިބިއުޓް ކުރަން. އަޅުގަނޑުމެން ބޭނުމެއް ނުވޭ ފްލަޑް ކުރާކަށެއް އެއްވެސް ވަރަކަށް. ބައިވަރު ޕްރިންޓް ކޮށްފަ ފްލަޑް ކުރީމަ ވާގޮތަކީ އޭގެ ވެލިއު ވަރަށް ބޮޑަށް ދައްވެގެން އެބަދޭ. އަޅުގަނޑުމެން ބޭނުންވަނީ މި ފޮތުގައި ސުވެނިއަރ ކޮލިޓީ ގެންގުޅުން. އެއީ ފޮޓޯ ބުކެއް ވީމަ. ސުވެނިއަރ ކޮލިޓީއަކީ ތަންކޮޅެއް ލިމިޓެޑްކޮށް ދާންޖެހޭނެ އެއްޗެއް." ރިޢާޔަތު ވިދާޅުވިއެވެ.

މި ފޮތަށް ކިއުމަށް ހަމަޖެހިފައިވާ ނަމަކީ ޕިކް މޯލްޑިވްސް ޕިކްޗަރ ސްޓޯރީ ބުކް ކަމަށް ޕިކް މޯލްޑިވްސް އިން ބުނެއެވެ. ޕީ.އެސް.އެމްގެ މޯލްޑިވްސް ޓީވީއަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށްޓަކައި ބައިނަލްއަޤްވާމީ މާރކެޓަށް އަމާޒުކޮށްގެން ޕީ.އެސް.އެމުން އުފައްދާފައިވާ ޓީވީ ޗެނަލެކެވެ. މި ޗެނަލުން ރާއްޖޭގެ އިސްތިހާރުތަކާއި، ފަތުރުވެރިން ޝައުޤުވެރިވާފަދަ މަންޒަރުތައް މެދުކެނޑުމެއްނެތި 24 ގަޑިއިރު ދަނީ ގެނެސްދެމުންނެވެ.