ކުޅިވަރު

ތިނަދޫ ބަލިކޮށް، ޓީސީ އެއްވަނައަށް


އަލީ ސުޒޭންގެ އިރުޝާދުގެ ދަށުން ނިކުއިން ތިނަދޫ ފުޓްބޯޅަ ޓީމް ބަލިކޮށް، ޓީސީ ސްޕޯރޓްސް ކްލަބް އުރީދޫ ދިވެހި ޕްރިމިއަރ ލީގު ތާވަލްގެ އެއްވަނައަށް ޖެހިލައިފިއެވެ.

ތިނަދޫގެ މައްޗަށް މިއަދު ހަވީރު ޓީސީ ކުރި ހޯދީ 3-2 ންނެވެ. ލަނޑެއް ނުޖެހި ނިމުނު ފުރަތަމަ ހާފަށްފަހު ޓީސީގެ ފުރަތަމަ ދެ ލަނޑުވެސް ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ ސްޓެވާޓެވެ. ތިނަދޫގެ ފުރަތަމަ ލަނޑު ޖެހީ އަހުމަދު ރިޒުވާނެވެ. ނަތީޖާ ހަމަހަމަކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ ހަނަންޑޭޒް އަވިލާއެވެ. ނަތީޖާހަމަހަމަކޮށް ތިނަދޫން ހިތްހަމަޖެހުން ހޯދާފައިވަނިކޮށް، ޓީސީ ތާވަލްގެ އެއްވަނައަށް ގެންގޮސްދިނީ އިބްރާހީމް މަހުދީއެވެ. މިނަތީޖާއާއެކު ޓީސީއަށް އެއްވަނަ ލިބެނީ އެއް މެޗު އިތުރަށް ކުޅެ 19 ޕޮއިންޓާއެކުއެވެ. ފުރަތަމަ ބުރު ނިމުނުއިރު އެއްވަނާގައި އޮތް ނިއުރޭޑިއަންޓަށް ލިބިފައިވަނީ 18 ޕޮއިންޓެވެ. 

މެޗަށްފަހު ޓީސީގެ ކޯޗު މުޙައްމަދު ނިޒާމް ބުނީ ބްރޭކަކަށްފަހު އެނބުރި އައިސް މޮޅަކުން ފެށުމަކީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއްކަމަށެވެ. އަދި އޭނާގެ ކުޅުންތެރިންނަށް މެޗު ފަށައިގަނެވުނީވެސް ލަހުންކަމަށް ނިޒާމް ބުންޏެވެ.

" މިއީ އެންމެ އުނދަގޫ ހާލަތު. ބްރޭކަކަށްފަހު އައިސް ކުޅޭ ފުރަތަމަ މެޗަކީ އުނދަގޫ މެޗެއް. މޮޅުވެ ތިން ޕޮއިންޓް ލިބުމުން ހިތްހަމަ ޖެހޭ. ނަތީޖާ އެއްވަރުކޮށްފަ ވަނިކޮށް އަލުން ލީޑް ހޯދުމަކީވެސް ކުޅުންތެރިންގެ މޯޓިވޭޝަން ރަނގަޅުވާނެކަމެއް. " ނިޒާމް ބުންޏެވެ.

ތިނަދޫ ޓީމް ގޮވައިގެން ފުރަތަމަ މެޗަށް ނިކުއިން އަލީ ސުޒޭން ބުނީ މައްސަލައަކީ ފަހަތުން ކޮންސެންޓްރޭޝަން ގެއްލުންކަމަށެވެ. ނަމަވެސް ކުޅުމާއި، ކުޅުންތެރިންގެ ހިތްވަރުވެސް ރަނގަޅުކަމަށެވެ. 

" އެއްކަހަލަ ތިން ގޯލް މިވަނީ. ފަހަތުގެ ކޮމްބިނޭޝަންގެ މައްސަލައެއް މިދިމާވީ. ދެން ޓީސީ މިފެނުނީވެސް ވަރަށް ވަރުގަދަކޮށް. ކުޅުމާއި، ކުޅުންތެރިންގެ ހިތްވަރުވެސް ރަނގަޅު. ދޭއް ސުމަކުން ފަހަތުގަ އޮއްވާ އެއްވަރުކުރީވެސް ރަނގަޅަށް ކުޅެގެން. އޭގެ ފަހުންވެސް ލިބުނު ދެ ފުރުޞަތެއް ބޭނުން ނުކުރެވި ކޮޅަށް ލަނޑު ވަނީ. ފުޓްބޯޅައިގަ ގުނާނީ ފުރުޞަތެއްނޫން، " ދިވެހި ލީގުގެ ފުރަތަމަ ބުރަށްފަހު ތިނަދޫގެ ބިދޭސީ ކޯޗު ވަކިކުރުމުން އެޓީމާ ހަވާލުވި ސުޒޭން ބުންޏެވެ.

ލީގުގެ ދެވަނަ ބުރުގެ ދެވަނަ މެޗުގައި މިރޭ ވާދަކުރާނީ މާޒިޔާއާއި ކުޑަހުވަދޫއެވެ.