ޚަބަރު

ޑޮކްޓަރުން ތަމްރީނުކުރުމަށް ޒަކާތު ފަންޑުން އެހީވަނީ


ޒަކާތު ފަންޑުން ހޭދަކޮށްގެން ސިއްޙީ ދާއިރާއަށް ބޭނުންވާ ޑޮކްޓަރުން ތަމްރީންކުރުމާ ބެހޭ ގޮތުން މަޝްވަރާ ކޮށްފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހެލްތް މިނިސްޓްރީގައިއޮތް މިކަމާބެހޭ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒިޔާދާއި ހެލްތް މިނިސްޓަރ އަބްދު ﷲ ނާޒިމް އިބްރާހީމް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކޮށްފައިވަނީ  ކުރިއަށް އޮތް ތަނުގައި  ޒަކާތު ފަންޑުގެ ޚަރަދުގައި ސްޕެޝަލް ޑޮކްޓަރުން ތަމްރީން ކުރުމަށް ފަންޑު ކުރާނެ ގޮތްތަކާ ބެހޭގޮތުންނެވެ.

އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އައްޝައިޚް އިބްރީމް އަޙުމަދު ވިދާޅުވީ ޒަކާތު ފަންޑުން މިހާރުވެސް ސިއްޙީދާއިރާއަށް ގިނަ މަސައްކަތްތްތަކެއް ކުރަމުންދާކަމަށެވެ. އެގޮތުން ތަފާތު ބަލިތަކަށް ޒަކާތު ފަންޑުން އެހީވަމުން ގެންދަވާކަން އޭނާ ފާހަގަ ކުރެއްވިއެވެ. އިބްރާހީމް އަޙުމަދު ވިދާޅުވީ ސިއްޙީދާއިރާގެ އިތުރުން އެހީތެރިކަމަށް ބޭނުންވެފަތިބި އެހެން ދާއިރާތަކަށްވެސް އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާކަމަށެވެ.

އިސްލާމިކް މިނިސްޓްރީންބުނީ ސިއްޙީ ދާއިރާއަކީ ވަރަށް މުހިއްމު ދާއިރާއެއްކަމަށާއި، ޒަކާތު ފަންޑުން ޚަރަދު ކުރުމުގައި އަބަދުވެސް ސިއްޙީ ދާއިރާއަށް އިސްކަންދޭކަމަށެވެ.

މިހާރުވެސް ޒަކާތު ފަންޑުގެ ޚަރަދުގައި ރާއްޖޭގެ 8 ދަރިވަރަކު ބޭރު ޤައުމުތަކުގައި ސިއްޙީ ދާއިރާއިން ތަޢުލީމް ހާސިލް ކުރަމުންދާކަމަށާއި މީގެ އިތުރުން ތަޢުލީމީ ތަފާތު ފުރުސަތުތައްވެސް ޒަކާތު ފަންޑުން ފޯރުކޮށްދީފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

އެ މިނސްޓްރީން ބުނީ، ތެލަސީމިޔާ ބަލީގެ 25 ކުއްޖަކަށް ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ އިންތިޒާމްވެސް ޒަކާތު ފަންޑުންގެ އެހީގައި ހަމަޖެހިގެން ގޮސްފައިވާކަމަށެވެ. އެގޮތުން މިދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ފަންސަވީހަށްވުރެ ގިނަ ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓް ހަދާފައިކަމަށް އެމިނިސްޓްރީން ބުނެއެވެ.