މުނިފޫހިފިލުވުން

މޫޝާން އޭނާގެ އަމިއްލަ އާ ލަވަ އަލްބަމް ނެރެފި


މަޝްހޫރު ލަވަކިއުންތެރިޔާ މޫޝާން މުބާރިކް، އޭނާގެ އަމިއްލަ އާ އަލްބަމް ނެރެފިއެވެ.

ދިވެހި އަމިއްލަ ރާގުގެ 6 ލަވައާއި، 2 ލަވައެއްގެ ރިމިކްސްއާއިއެކު ޖުމްލަ 8 ލަވަ ހިމެނޭ އަލްބަމް ނެރެފައިވަނީ އެކަމަށް ޚާއްޞަކޮށްގެން، ރޭ ސީހައުސްގައި ބޭއްވި އިވެންޓުގައެވެ.

މޫޝާން މުބާރިކްގެ ފުރަތަމަ އަލްބަމަށް އޭނާގެ އަމިއްލަ ނަމުން ނަން ދީފައިވާއިރު، އަލްބަމް ތައްޔާރުކުރުމުގައި ޒަމާނާއި ގުޅޭގޮތަށް ލަވަތައް ބައްޓަންކުރުމަށް މަސައްކަތްކޮށްފައިވާކަމަށް މޫޝާން ބުންޏެވެ.

މި އަލްބަމްގައި ހިމެނޭ ލަވަތަކުގެ މިއުޒިކާއި ޅެން ހެދުމުގައި މިދާއިރާގެ ފުންނާބުއުސް މީހުންގެ އެހީތެރިކަން ލިބިފައިވާކަން މޫޝާން ފާހަގަކުރިއެވެ. އަދި މި މަސައްކަތުގައި އެކި ގޮތްގޮތުން އެހީތެރިވެދިން ފަރާތްތަކަށް އޭނާގެ ފަރާތުން ހަނދާނީ ލިޔުމާއި، ހަނދާނީ ފިލާ ޙަވާލުކޮށްފައިވެއެވެ.

ރޭގެ އިވެންޓުގައި މޫޝާން ވަނީ އޭނާގެ އަލްބަމް ސްޓްރީމްކުރުމުގެ އެކްސްކްލޫސިވް ރައިޓްސް، ދިވެހި ލަވަތައް ސްޓްރީމްކުރާ "ލަވަފޮށި" އެޕްލިކޭޝަނާ ޙަވާލުކޮށްފައެވެ. އެހެންކަމުން އަލްބަމް ގައި ހިމެނޭ ލަވަތައް މި އެޕްލިކޭޝަނުން ބަލައިލެވޭނެކަމަށް މޫޝާން ބުންޏެވެ.

މޫޝާންގެ ލަވަތައް ކުޅޭ ބޭންޑު، މޫޝާން އެންޑް ފްރެންޑްސް އަކީ ދިވެހިންގެތެރޭގައި މަޤްބޫލު ރީތި ލަވަތަކެއް ގެނެސްދީފައިވާ ބޭންޑެކެވެ.