ދީން

ދުވަސްވީ މީހުންނަށް ކަމޭހިތުމަށް ދީނުގައި ވަރަށް ބޮޑަށް ބާރުއަޅާ!


ޢުމުރުން ދުވަސްވީ މީހުންނަށް ކެމޭހިތުމުގައި އިހުމާލުވެ، އެމީހުންގެ ތަޖުރިބާތައް ހަނދާން ނައްތާލައިފިނަމަ، ދީނެއްވެސް، އުންމަތެއްވެސް އަދި ޤައުމެއްވެސް ކުރިއަރާ ނުދާނެ ކަމަށް މިހަފްތާގެ ހުކުރު އުފާ ފެސްޓިވަލްގެ ދަރުސްގައި ބަޔާންކޮށްދީފިއެވެ.

"ޢުމުރުން ދުވަސްވީ މީހުންނަށް ކަމޭހިތުން" މި މަޢުޝޫއަށް ވާހަކަފުޅުދައްކަވަމުން އައްޝައިޚް އިބްރާހީމް އަޙްމަދުވަނީ އިސްލާމް ދީނުގައި ޢުމުރުން ދުވަސްވީ މީހުންނަށް ދީފައިވާ ދަރަޖައާއި، އެމީހުންނަށް ކެމޭހިތުމުގައި ރަސޫލާ ދެއްކެވި ރިވެތި މިސާލުތައް ވަރަށް ފުރިހަމައަށް ބަޔާންކޮށްދެއްވާފައެވެ.

މިހަފްތާގެ ހުކުރުއުފާ ފެސްޓިވަލްގެ ދަރުސް ފަށްޓަވަމުން އައްޝައިޚް އިބްރާހީމް އަޙްމަދު، ވިދާޅުވީ އުމުރުން ދުވަސްވީ މީހުންނާ މެދު ވިސްނާ، އެމީހުންނަށް ޤަދަރާއި، އިހްތިރާމު ކުރަންޖެހޭކަމަށެވެ. އަދި ލޯތްބާ އަޅާލުން އެމީހުންނަށް ދޭންޖެހޭކަން ޝައިޚް ފާހަގަކުރެއްވިއެވެ.

ޢުމުރުން ދުވަސްވީ މީހުންނަކީ ތަޖުރިބާ ލިބިފައިވާ މީހުން ކަމަށްވާއިރު، އެ ފަރާތްތަކުގެ ތަޖުރިބާގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އިސްލާމް ދީނުގައި ވަރަށް ބޮޑަށް ބާރު އަޅާކަމަށްވެސް ޝައިޚް ވިދާޅުވިއެވެ. އެގޮތުން ދީނާއި، އުންމަތް، އަދި ޤައުމުގެ ކުރިއެރުން ބިނާވެފައިވާ އެއް އަސާސަކީ އިސްރައްވެހިންގެ ތަޖުރިބާކަން ފާހަގަކުރެއްވިއެވެ.

ކިރިތި ޤުރުއާނުގައި އިންސާނީ ގުޅުންތައް ދެމެހެއްޓުމަށް ބާރު އަޅާފައިވާ މިންވަރުވެސް ޝައިޚް ބަޔާންކޮށްދެއްވިއެވެ. އޭނާވިދާޅުވީ ހިތްތަކުގެ ބަލިތައް ކަމުގައިވާ، ހަސަދައާއި، ދެބައޮޑުވުން ފަދަ ބަލިތަކަށް ޝިފާއެއް ކަމުގައި ކީރިތި ޤުރުއާން ބާވައްލައްވާފައިވަނީ، އިންސާނީ ގުޅުންތައް ރައްކާތެރިކުރުމުގެ މަޤްސަދުގައި ކަމަށެވެ. އަދި ޢުމުރުން ދުވަސްވީ މީހުންނަށް ކަމޭހިތުމުގެބައި އެންމެ ފުރަތަމަ ފެށޭ ހިސާބަކީ، މައިންބަފައިން ކަމަށެވެ.

ޢުމުރުން ދުވަސްވީ މީހުންނަށް، އިހްސާންތެރިކަމާއި، މަޑުމައިތިރި ކަމާއެކު މުޚާތަބު ކުރުމާއި، މައިންބަފައިންނާއި، އެ ދަރަޖައިގެ މީހުންނަށް ހެޔޮ ރަޙްމަތް ލެއްވުން އެދި ދުޢާ ކުރުމުގެ މުހިންމުކަން ޝައިޚް ފާހަގަކުރެއްވިއެވެ. ޚާއްސަކޮށް، މައިންބަފައިންނަށް ކަމޭހިތުމަކީ، ތިމާގެ އުމުރު ދިގުވެ، އުމުރުގައި ބަރަކާތް ލައްވާ ކަމެއްކަން، ކީރިތި ރަސޫލާގެ ހަދީސްފުޅުތަކުން އެނގޭކަމަށް ޝައިޚް ވިދާޅުވިއެވެ.

މައިންބަފައިންނާއި، އެދަރަޖައިގައި ތިބި އެހެން މީހުންނާއި، ޢުމުރުން ދުވަސްވީ މީހުންނަށް ލޯބިދީ، ކަމޭ ހިތުމަކީ މާއްދީ ފައިދާތަކުގެ އިތުރުން، ރޫޙާނީ ގޮތުންވެސް ފައިދާ ލިބެދޭ ކަމެކެވެ. އެގޮތުން ފާފަތައް ފުއްސަވާ، ތައުބާވެވޭ ކަމެއްގެ ގޮތުގައިވެސް، ޢުމުރުން ދުވަސްވީ މީހުންނަށް ކަމޭހިތުން ހިމެނޭ ކަމަށް ޝައިޚް ވިދާޅުވިއެވެ.