ޚަބަރު

އަންނަ އަހަރުން ފެށިގެން އައިޖީއެމްއެޗުގައި އިންޓާންޝިޕް ހެދޭނެ!


ރާއްޖެއިން ބޭރުން އެމް.ބީ.ބީ.އެސް ކިޔަވައިގެން އަންނަ ދަރިވަރުންނަށް އަންނަ އަހަރުން ފެށިގެން އައިޖީއެމްއެޗުގައި އިންޓާންޝިޕް ހެދޭނެކަމަށް މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ސިއްޙީ ދާއިރާ ތަރައްޤީ ކުރުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތުގެ ތެރޭގައި ހިމެނޭ މެޑިކަލް ކޮލެޖް ޤާއިމްކުރުމާއިބެހޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ރާއްޖެއިން ބޭރުގެ އެކި ޤައުމުތަކުން އެމްބީބީއެސްގެ ތިއަރީ ކިޔަވައިގެން އިންޓާންޝިޕުން ޖާގަނުލިބިފައިތިބި ދަރިވަރުން އެބަތިބިކަމަށާއި، އެކަމަށް ޙައްލު ހޯދައިދިނުމުގެގޮތުން ހެލްތް މިނިސްޓްރީގެ މަޝްވަރާގެމަތިން، އަންނައަހަރުން ފެށިގެން އައިޖީއެމްއެޗް ގައި އިންޓާންޝިޕްގެ ހެދޭނޭކަމަށް މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވިއެވެ. މީގެ ސަބަބުން އަންނަ އަހަރު ހުޅުވުމަށް ހަމަޖެހިފައިވާ މެޑިކަލް ކޮލެޖުން ކިޔަވާ ދަރިވަރުން އިންޓާންޝިޕް ހަދަންވާއިރަށް އައިޖީއެމްއެޗް ގައި އިންޓާންޝިޕް ޕްރޮގްރާމެއް ތަޢާރަފްކުރެވި، އެކަމަށް ހޮސްޕިޓަލް ފުރިހަމައަށް ތައްޔާރުވެގެންދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ބޭރުގެ އެކި ޤައުމުތަކުން ތިއަރީ ނިންމުމަށްފަހު އިންޓާންޝިޕަށް ޖާގަނުލިބޭ ދަރިވަރުންނަށް ޖާގަލިބޭނެކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުގެ މަސައްކަތް ނިމެންވާއިރަށް އެތަނަށް ބޭނުންވާނެ ސިއްޙީ ދާއިރާގެ މީހުން ތަމްރީންކުރުމަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދެއްވާކަމަށެވެ. އެގޮތުން މިސަރުކާރުން ތަޢާރަފުކުރި ހަޔަރ އެޑިއުކޭޝަން ލޯނު ސްކީމުގެ ދަށުން އެކަނިވެސް 130 އަށްވުރެ ގިނަ ދަރިވަރުން އެމްބީބީއެސް ހެދުމަށް ގޮސްފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ސިއްޙީދާއިރާއަށް ދިމާވެފައިވާ ގޮންޖެހުންތައް ޙައްލުކުރުމަށްޓަކާ އައިޖީއެމްއެޗް ގައި ހުރި ދަތިތަކާއި، މާލެއާއި އަތޮޅުތެރޭގެ ސިއްޙީ ފެސިލިޓީސްތައް ޤާއިމްކުރުމާއި، ސިއްޙީ ދާއިރާގައި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރެއްވުމާއި، ޓާރޝިއަރީ ފެންވަރުގެ ހޮސްޕިޓަލްތައް އަތޮޅުތެރޭގައި ޤާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުގައި ހިމަނުއްވައިގެން ކުރައްވަމުންގެންދަވާ މުހިއްމު މަސައްކަތެކެވެ.

އެގޮތުން ރާއްޖޭގައި މެޑިކަލް ކޮލެޖެއް ޤާއިމްކުރުމުގެ މަޝްރޫޢުއާއި ބެހޭ ފީސިބިލިޓީ ސްޓަޑީ ހަދާ ޕާކިސްތާނުގެ ތަޖުރިބާކާރު ޕްރޮފެސަރ ޓިޕޫ ސުލްޠާން ވިދާޅުވީ ރާއްޖޭގައި މެޑިކަލް ކޮލެޖު ހިންގުމަށް ބޭނުންވާ ފަންޑާއި، ކިޔަވައިދޭނެ މުދައްރިސުންނާއި، ކޮލެޖު ހިންގާނެ ޖާގަ ލިބިފައިވާއިރު، މި މަޝްރޫޢަށް ސަރުކާރުގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބެމުންދާތީ، މި ދަނޑިވަޅަކީ ރާއްޖޭގައި މެޑިކަލް ކޮލެޖެއް ޤާއިމްކުރުމަށް އެންމެ އެކަށީގެންވާ ދަނޑިވަޅުކަމަށެވެ.

ޕާކިސްތާނުގެ 144 މެޑިކަލް ކޮލެޖުން އަހަރެއްގެ މައްޗަށް ފަނަރަހާހަށްވުރެ ގިނަ ޑޮކްޓަރުން ތަމްރީނުކުރަމުންދާކަން ފާހަގަކުރައްވާ ޕްރޮފެސަރ ޓިޕޫ ސުލްޠާން ވިދާޅުވީ، ޕާކިސްތާނުގެ ފަރާތުން ރާއްޖޭގެ މެޑިކަލް ކޮލެޖަށް ބޭނުންވާ އެހީތެރިކަންދިނުމުގައި ތަޖުރިބާ އެބަހުރިކަމަށެވެ. ރާއްޖޭގެ މެޑިކަލް ކޮލެޖުން އެމްބީބީއެސްއަށް ކިޔަވައިދޭންފެށުމުން އަމިއްލަ ޤައުމުގައިތިބެގެން ދިވެހި ދަރިވަރުންނަށް ޑޮކްޓަރ ކަމުގެ ސަނަދު ޙާސިލްކުރުމުގެ މަގު ހުޅުވިގެންދާނެއެވެ.