ޚަބަރު

ވިޔަފާރީގެ ދާއިރާއިން 13 ހާހެއްހާ މީހުން ތަމްރީންކޮށްފި


ކުދި ވިޔަފާރިއާއި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ހިންގާ ތަމްރީން ޕްރޮގްރާމްތަކުގައި މިހާތަނަށް 13 ހާހަށްވުރެ ގިނަ މީހުން ތަމްރީން ކޮށްފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފިއެވެ. 

އެ މިނިސްޓްރީން އަންނަނީ ރާއްޖޭގެ 6 ސަރަޙައްދެއްގައި ބިޒްނަސް ސެންޓަރުތައް ޤާއިމްކޮށް ތަމްރީން ޕްރޮގްރާމްތައް ހިންގަމުންނެވެ. މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި ކޮންމެ ދުވަހަކު ރާއްޖޭގެ ކޮންމެވެސް ހިސާބެއްގައި ތަމްރީން ޕްރޮގުރާމްތައް ހިންގާ، ވަން ޓޫ ވަން މީޓިންގތަކާއި ފްރީ ކޮންސަލްޓެންޓްގެ ހިދުމަތް ފޯރުކޮށްދެމުންދެއެވެ.

ކުދި ވިޔަފާރިއާއި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އިކޮނޮމިކް މިނިސްޓްރީން އަންނަނީ ރަހުނެއް ނެތި ކުޑަ އިންޓްރެސްޓް ރޭޓަކާއިއެކު ލޯނުތައްވެސް އާންމުންނަށް ދޫކުރަމުންނެވެ. މި ލޯނުތައް ދޫކުރުމުގައި ޒުވާނުންނާއި އަންހެނުންނަށް އިސްކަންދޭކަމަށް މިނިސްޓްރީން ބުނެއެވެ.

މިދާއިރާ ކުރިއެރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު ކުދި ވިޔަފާރިއާއި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން ހުޅުމާލޭގައި ތަރައްޤީ ކުރުމަށް ނިންމާފައިވާ އިންޑަސްޓްރިއަލް ޕާކް ޢިމާރާތުގެ ބިންގާވެސް މިހާރުވަނީ އަޅާފައެވެ. މިއީ 120 އަށްވުރެ ގިނަ ކުދި ވިޔަފާރިތަކަށް އެއްފަހަރާ މަސައްކަތް ކުރުމުގެ ޖާގަ އޮތް މަރުކަޒެއްކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.