ސިއްހަތު

އަންނަ އަހަރު ރާއްޖޭގައި އެމްބީބީއެސް ކިޔަވާދޭން ފަށަނީ!


އަންނަ އަހަރުގެ ކުރީކޮޅުން ފެށިގެން ރާއްޖޭގައި އެމްބީބީއެސް ކިޔަވާދޭން ފަށްޓާނެކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ. 

ރާއްޖޭގައި ޤާއިމްކުރާ މެޑިކަލް ކޮލެޖެގެ ކިޔެވުން އަންނަ އަހަރު ފެށުމާއެކު ގިނަ އަދަދެއްގެ ދިވެހި ޒުވާނުންނަށް ރާއްޖޭގައި ތިބެގެން މެޑިކަލް ޑިގްރީ ނުވަތަ ޑޮކްޓަރުކަން ކިޔެވުމުގެ ދޮރު ހުޅުވިގެންދާނެކަމަށް މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ. 

ސަރުކާރުން ރާއްޖޭގައި ފުރަތަމަފަހަރަށް ޤާއިމްކުރާ މެޑިކަލް ކޮލެޖުގެ މަސައްކަތް ކުރިއަށްދާގޮތާއި ބެހޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތުދިނުމަށް ހެލްތް މިނިސްޓަރީގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ  ރާއްޖޭގައި މެޑިކަލް ކޮލެޖެއް ހުޅުވުމާއިގުޅޭގޮތުން ކޮންސަލްޓެންޓުން ގެނެސް، ރިސާރޗް ހަދައި ނިމިފައިވާކަމަށާއި، 2018 ގެ ކުރީކޮޅު މެޑިކަލް ކޮލެޖުން ދަރިވަރުންނަށް ޖާގަދޭނެކަމަށެވެ. 

ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ބައެއްގެގޮތުގައި މެޑިކަލް ކޮލެޖު ހިންގުމަށް ހަމަޖެހިފައިވާއިރު، ކިޔެވުން ފަށައިގަތުމަށް ނިންމާފައިވަނީ 50 ދަރިވަރުންނާއިއެކު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ އިތުރަށް ވިދާޅުވީ ދަރިވަރުންނަށް ކިޔަވައިދޭ މޮޑިއުލްތަކާއި، ކޯސް އައުޓްލައިންއާއި، ކިޔަވައިދިނުމާއި ގުޅޭ އިދާރީ މަސައްކަތްތައް މިއަހަރު ނިމުމުގެ ކުރިން މުޅިން ނިންމުމަށްޓަކައި ޕާކިސްތާނާއި، ރާއްޖޭގެ ފަރާތުން ކޯޑިނޭޓަރުން ޢައްޔަންކުރައްވާނެކަމަށެވެ. މެޑިކަލް ކޮލެޖުން އެމްބީބީއެސް ހަދާ ދަރިވަރުންގެ ސަނަދު ބައިނަލްއަޤްވާމީ ގޮތުން އެކްރެޑިޓްކުރެވޭ ސެޓްފިކެޓަކަށް ވާނެކަމަށާއި، ބޭރު ޤައުމުތަކުގެ މެޑިކަލް ކޮލެޖުތަކުން ހިފަހައްޓާ ފެންވަރު، ރާއްޖޭގެ މެޑިކަލް ކޮލެޖުގައި ހިފަހައްޓަވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. 

މި ބައްދަލުވުމުގައި ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅާފައިހުންނަވާ ސަފީރު ސަޢީދު ޚަވާރު ޢަލީ ޝާޙް ވިދާޅުވީ ކުރިއަށްއޮތްތަނުގައި މެޑިކަލް ކޮލެޖު ވެގެންދާނީ އިންޓަރނޭޝަނަލް ކޮލެޖަކަށް ކަމަށާއި، މިތަނުގައި ދުނިޔޭގެ އެކިކަންކޮޅުތަކުން ދަރިވަރުން ތަޢުލީމު ޙާސިލުކުރާނެކަމަށެވެ. 

މި ބައްދަލުވުމުގައި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ.ޢަލީ ފަވާޒް ޝަރީފް ވަނީ މެޑިކަލް ކޮލެޖެއް ހިންގުމަކީ އެމް.އެން.ޔޫ އިން އަބަދުވެސް ދެކެމުންއައި ހުވަފެނެއްކަމަށާއި، މިއަހަރުގެތެރޭގައި، އެމްބީބީއެސް ހަދާ ދަރިވަރުންނަށް ކިޔަވައިދޭނެ ލެކްޗަރާއިންނާއި، އިދާރީ ގޮތުން މަސައްކަތްކުރާނެ މީހުން ހޯދައި، އިންސާނީ ވަޞީލަތް ހޯދުމުގެ މަސައްކަތް  ކުރިއަށްގެންދާނެކަމަށް ވިދާޅުވެފައެވެ. 

ރާއްޖޭގައި ޤާއިމްކުރާ މެޑިކަލް ކޮލެޖުގެ ޢަމަލީ މަސައްކަތް ފެށުމަށް ޕާކިސްތާނުން 5 މިލިއަން އެމެރިކާ ޑޮލަރުގެ އެހީ ލިބިފައިވެއެވެ. ލެބޯޓްރީ ޤާއިމްކުރުމަށާއި، ލެބޯޓްރީތަކަށް ބޭނުންވާ ސާމާނު ހޯދުމަށް ބޭނުންވާ އެހީތެރިކަމުގެ އިތުރުން ކިޔަވައިދެއްވާނެ ތަޖުރިބާކާރު ބޭފުޅުން ޕާކިސްތާނުގެ އެހީއާއިއެކު ހަމަޖެހިގެންދާނެކަމަށާ، ޤައުމުގެ މެޑިކަލް ކޮލެޖުތަކުން ޔަޤީންކަން ލިބިފައިވާކަމަށް ހެލްތް މިނިސްޓަރ މަޢުލޫމާތުދެއްވިއެވެ. 

މި މަޝްރޫޢުގެ މަސައްކަތް ހަލުވި ދުވެލީގައި ކުރިއަށްގެންދިއުމަށްޓަކައި މިނިސްޓްރީ އޮފް ހެލްތާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އާއި، އައި.ޖީ.އެމް.އެޗާއި، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އިތުރުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އާއި، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ މެމްބަރުން އެކުލެވޭ ކޮމިޓީއެއް ޤާއިމްކުރެވިފައިވާކަމަށް ހެލްތް މިނިސްޓްރީން މަޢުލޫމާތުދެއެވެ. 

ދިވެހިރާއްޖޭގެ މެޑިކަލް ސްކޫލެއް ޤާއިމްކުރެވުމުގެ ސަބަބުން މިހާރު މެޑިކަލް ޑިގްރީ  ހެދުމަށް ބޭރުގެއެކި ޤައުމުތަކަށް ދަތުރުކުރާ ދިވެހި ދަރިވަރުންނަށް އަމިއްލަ ޤައުމުގައި ތިބެގެން މި ޑިގްރީ ޙާސިލްކުރެވޭނެ މަގު ތަނަވަސްވެގެންދާނެއެވެ.