ޚަބަރު

"ނޫސްވެރިކަމުގެ އިނާމް 2016" ދިނުމުގެ ރަސްމިއްޔާތު މިރޭ އޮންނާނެ


މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ "ނޫސްވެރިކަމުގެ އިނާމް 2016" ދިނުމަށް ބާއްވާ ޙާއްޞަ ޚަފްލާ މިރޭ އޮންނާނެއެވެ.

ނޫސްވެރިކަމުގެ އިނާމަކީ، ނޫސްވެރިކަމުގެ ހަމަތަކާއި، އަޙްލާޤީ މިންގަނޑުތަކަށް ތަބާވެ، ރަނގަޅު ފެންވަރެއްގައި މަސައްކަތް ކުރުމަށް ދިވެހި ނޫސްވެރިންނަށް ހިތްވަރުދިނުމުގެގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލުން 2013 ވަނަ އަހަރުން ފަށެށިގެން ދެމުން އަންނަ އިނާމެކެވެ.

މިއަހަރު މި އިނާމް 8 ދާއިރާއަކުން ދިނުމަށް ހަމަޖެހިފައިވެއެވެ. އޭގެ ތެރޭގައި، އިޖްތިމާޢީ ދާއިރާ، ސިޔާސީ ދާއިރާ، ޝަރުޢީ އަދި ޤާނޫނީ ދާއިރާ، ކުޅިވަރުގެ ދާއިރާ، ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާ، ފޮޓޯ ޖާނަލިޒަމްގެ ދާއިރާ، ވީޑިއޯ ޖާނަލިޒަމްގެ ދާއިރާ، އަދި ފީޗަރ ލިޔުމުގެ ދާއިރާ ހިމެނެއެވެ. މީގެއިތުރުން ނޫސްވެރިކަމުގެ ދާއިރާގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ފަރާތްތަކަށް އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ދޭ ލައިފްޓައިމް އެޗީވްމަންޓް އެވޯޑު ދިނުމާއި، އެންމެ އުއްމީދީ ނޫސްވެރިޔާ ހޮވުންވެސް މިރޭ އޮންނާނެއެވެ.

"ނޫސްވެރިކަމުގެ އިނާމް 2016" ދިނުމަށް ދަރުބާރުގޭގައި ބާއްވާ ޙާއްޞަ ޚަފްލާ މިރޭ ޓީ.ވީ.އެމުން ވަގުތުން ގެނެސްދޭނެއެވެ.