ޚަބަރު

އިޖްތިމާއީ ބައެއް މަސައްކަތްތަކަށް 3 މިލިއަން ރުފިޔާގެ އެހީ


ރަށްރަށުގައި ކުރިއަށްގެންދާ އިޖްތިމާއީ ބައެއް މަސައްކަތްތަކަށް 3 މިލިއަން ރުފިޔާގެ އެހީ ހޯމް މިނިސްޓްރީން ދީފިއެވެ.

ހޯމް މިނިސްޓްރީން ފައިސާ ދޫކޮށްފައިވަނީ އެ މިނިސްޓްރީގެ ބެލުމުގެ ދަށުން ރަށްރަށުގެ ކައުންސިލް އިދާރާތަކާއި، ރައްޔިތުންނާ ގުޅިގެން ކުރިއަށްގެންދާ އިޖްތިމާއި ސާދަ މަސައްކަތަކަށެވެ. މީގެތެރޭގައި ހިމެނެނީ މަގުބައްތި ޖެހުމާއި، ނެރުބައްތި ޖެހުމާއި، ބަންދަރު ބައްތި ޖެހުމާއި، ގަބުރުސްތާނުގެ ވަށާފާރު ރޭނުމުގެ މަސައްކަތްތަކަށެވެ. 

ހޯމް މިނިސްޓްރީން ބުނީ މި ފައިސާ ދޫކޮށްފައިވަނީ އެ މިނިސްޓްރީން ހުށައެޅި 78 ޕްރޮޕޯސަލެއް އިވޭލުއޭޓް ކުރުމަށްފަހުއެވެ. މި ފައިސާ ހަވާލުކުރުމަށް މިއަދު ހޯމް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދަކައްވަމުން ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވީ، ރަށްރަށުގައި ސަރުކާރުން ހިންގާ އިޖްތިމާއީ އަދި އިޤްތިޞާދީ ބޮޑެތި މަޝްރޫއުތަކުގެ އިތުރުން، ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅުކުރުމަށް ރައްޔިތުން ބޭނުންވާ އިޖްތިމާއީ ކުދިކުދި މައްސަލަތައް ޙައްލުކޮށްދެއްވުމަށްވެސް ސަރުކާރުން އިސްކަންދެއްވާކަމަށެވެ. އަދި އިޖްތިމާއީ ކުދި މަސައްކަތްތަކަށް ފައިސާ ދޫކުރުމަކީވެސް ރައީސް ޔާމީންގެ އިސްނެންގެވުމެއްކަން ހޯމް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ހޯމް މިނިސްޓަރ ވިދާޅުވީ ކުރިއަށް އޮތްތަނުގައިވެސް މިފަދަ މަޝްރޫޢުތައް ކުރިއަށްގެންދާނެކަމަށާއި، ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ރައްޔިތުން އެދޭ އެންމެ ކުދިކުދި މައްސަލަތައްވެސް ޙައްލުކޮށްދެއްވާނެކަމަށެވެ. މިއީ އަތޮޅުތެރޭގެ ރަށްރަށުގައި އިޖްތިމާއީ ކުދި މަސައްކަތް ހިންގުމަށް ހޯމް މިނިސްޓްރީން ފައިސާ ދޫކުރި ތިންވަނަ ފަހަރެވެ. 

މިފަހަރު 3 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، މި މަޝްރޫޢުތައް ކުރިއަށްއޮތް 1 އަހަރުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާކަމަށް ހޯމް މިނިސްޓަރ ވިދާޅުވިއެވެ.