ޚަބަރު

މާރާމާރީތަކުގެ އަޑީގައި ތިބި މީހުން ހޯދާނަން- ހޯމް މިނިސްޓަރ


ފަހަކަށް އައިސް މާލޭގައި ހިންގަމުންގެންދާ މާރާމާރީތަކުގެ އަޑީގައި ތިބި މީހުން ހޯދައި ޤާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ހޯމް މިނިސްޓަރ އަޒްލީން އަހުމަދު އަނެއްކާވެސް ދެއްވައިފިއެވެ.

ހޯމް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވީ، ރާއްޖޭގައި އަމާން ވެއްޓެއް ޤާއިމުކުރުމަށް ސަރުކާރުން ކުރި މަސައްކަތުން ރާއްޖޭގެ ރަށްރަށުގައި އަމަން އަމާންކަން ޤާއިމުކުރެވިފައިވާކަމަށެވެ. އެހެންނަމަވެސް ފަހަކަށްއައިސް މާލޭގައި ހިންގަމުންދާ ސިލްސިލާ މާރާމާރީތަކަކީ ބަޔަކު އަޑީގައި ތިބެ ހިންގަމުންގެންދާ ކަންތައްތަކެއްކަން ފާހަގަކުރައްވައި، އިޖްތިމާއީ މިފަދަ ޖަރީމާތަކުގެ އަޑީގައި ތިބި މީހުން ހޯދުމަށް ފުލުހުންގެ ހުރިހާ ވަސީލަތްތައް ބޭނުންކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

ހޯމް މިނިސްޓަރ ވިދާޅުވީ މިފަދަ ކަންކަން ޙައްލުކުރުމަށްޓަކައި، މުޖުތަމައުތެރޭގައި ނަފުރަތު އުފެދުމަށް ކުރާ މަސައްކަތްތައް ހުއްޓުވަން ޖެހޭކަމަށެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް އާއިޝަތު ބިސާމް ގެ ކާރުކޮޅުގައި ރޯކޮށްލި މައްސަލައާ ގުޅިގެން ހޯމް މިނިސްޓަރ ވިދާޅުވީ އެ މައްސަލާގައި ތުހުމަތުކުރެވޭ 2 މީހަކަށް ފުލުހުން ފާރަލަމުންދާކަމަށެވެ. މާލޭގައި ސިލްސިލާކޮށް ހިންގާ މާރާމާރީތަކާ ގުޅިގެން ތުހުމަތުކުރެވޭ 50 މީހުން ވަނީ ހައްޔަރުކޮށްފައެވެ.