ޚަބަރު

ދެ ކޮމިޝަނަކަށް ނާއިބު ރައީސުން ޢައްޔަންކުރަން ފާސްކޮށްފި


ސިވިލް ސަރވިސް ކޮމިޝަންގެ ނާއިބު ރައީސް ކަމަށް ޝަހީދު މުޙައްމަދު އަދި، ހިއުމަންރައިޓްސް ކޮމިޝަންގެ ނާއިބު ރައީސްކަމަށް މުޙައްމަދު ޒާހިދު ޢައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. 

ރައްޔިތުންގެ މަޖިލީހުގެ 3 ވަނަ ދައުރުގެ 2 ވަނަ ޖަލްސާ މިއަދު ބާއްވާފައިވާއިރު، މިޖަލްސާވެސް ކުރިއަށްގެންގޮސްފައިވަނީ އިދިކޮޅު ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެމްބަރުންގެ އަޑުގަދަކުރުމުގެ ތެރޭގައެވެ. މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވަނީ ސިވިލް ސަރވިސް ކޮމިޝަނާއި، ހިއުމަންރައިޓްސް ކޮމިޝަންގެ ނާއިބު ރައީސްކަމަށް ބޭފުޅުން ޢައްޔަންކުރުމެވެ. އެގޮތުން ސިވިލް ސަރވިސް ކޮމިޝަންގެ ނާއިބުރައީސްކަމަށް ޝަހީދު މުޙައްމަދު އައްޔަންކުރުމަށް ފާސްކޮށްފައިވަނީ ވޯޓްގައި ބައިވެރިވި 26 މެމްބަރުންގެ އިއްތިފާޤުންނެވެ. އަދި ހިއުމަން ރައިޓްސް ކޮމިޝަންގެ ނާއިބު ރައީސްކަމަށް މުޙައްމަދު ޒާހިދު އައްޔަންކުރުމަށް ފާސްކޮށްފައިވަނީ ވޯޓްގައި ބައިވެރިވި 27 މެމްބަރުންގެ އިއްތިފާޤުންނެވެ. މި ދެބޭފުޅުންނަކީވެސް މިހާރުވެސް އެކޮމިޝަންތަކުގެ މެމްބަރުންގެ ގޮތުގައި ތިއްބެވި ބޭބޭފުޅުންނެވެ. 

ސިވިލް ސަރވިސް ކޮމިޝަނަށް ނާއިބުރައީސަކު އައްޔަންކޮށްފައިވަނީ އެކޮމިޝަންގެ ނާއިބުރައީސް ޖަމީލާ ޢަލީ ޚާލިދު މަޤާމުން އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. އެކަމަނާ މިހާރު ހުންނެވީ ޖަރުމަނުވިލާތުގައި ހުންނަވާ ރާއްޖޭގެ ސަފީރުގެ މަޤާމުގައި. އަދި އެޗް.އާރ.ސީއެމްގެ ނާއިބު ރައީސަކަށް ބޭފުޅަކު ޢައްޔަންކުރައްވާފައިވަނީ، އެކޮމިޝަންގެ ނާއިބު ރައީސް ޝިފާޤް މުފީދު މަޤާމުން އިސްތިޢުފާ ދެއްވުމާ ގުޅިގެންނެވެެ. އޭނާ މިހާރު ހުންނެވީ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރގެ މަޤާމުގައެވެ.