ޚަބަރު

ތިމާވެއްޓާއި ހަކަތައާއިބޭހޭ ބައްދަލުވުން އިފްތިތާޙްކޮށްދެއްވައިފި


ކުދި ޖަޒީރާ ޤައުމުތަކާއި ބިންތިރި ޤައުމުތައް ބައިވެރިވާ ބައިނަލްޢަޤްވާމީ ޖަމްޢިއްޔާ އޭއޯސިސް ޤައުމުތަކުގެ ތިމާވެއްޓާއި ހަކަތައާއިބޭހޭ ވަޒީރުންގެ ބައްދަލުވުން ރައީސުލް ޖުމްހޫރިއަޔާގެ ނާއިބު ޢަބްދުﷲ ޖިހާދު އިފްތިތާޙް ކޮށްދެއްވައިފިއެވެ. 

ދެދުވަހުގެ މުއްދަތައް ބަނޑޮސް މޯލްޑިވްސްގައި ކުރިއަށްގެންދާ މި ބައްދަލުވުމުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ މިނިސްޓަރުންނާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކުންނާއި ބޭރުގެ މަންދޫބުންވަނީ ބައިވެރިވެފައެވެ. މި ރަސްމިއްޔާތު އިފްތިތާޙްކޮށްދެއްވަމުން ނާއިބް ރަޢީސް ދެއްކެވި ވާހަކަފުޅުގައި އޭއޯސިސްގެ މުޙިންމުކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އެމަނިކުފާނުވިދާޅުވީ ޕެރިސް އެގްރީމަންޓް ވުޖޫދަށްގެނައުމުގެ އެންމެ އިސް ދައުރެއް އަދާކުރީ އޭއޯސިސްކަމަށެވެ. 

މި ރަސްމިއްޔާތުގައި މިނިސްޓރަ އޮފް އެންވާރަމެންޓް އެންޑް އެނަރޖީ ތާރިޤް އިބްރާޙީމް ދެއްކެވި ވާހަކަފުޅުގައި، ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކުގައި ހަކަތަ އުފެއްދުމަށްޓަކައި ތެލަށްކުރާ ހޭދަ ނިސްބަތުން ބޮޑުކަމަށެވެ. އެހެންކަމުން ކުދި ޖަޒީރާ ޤައުމުތަކުގައި ބޭނުންކުރާ ހަކަތަ ޢިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމުގެ މުހިންމުކަމުގެ މައްޗަށް މިނިސްޓަރ ބައްލަވާލެއްވިއެވެ.

އޭއޯސިސްގެ މި ދައުރުގެ ރިޔާސަތު ބަލަހައްޓާ ޤައުމުގެ ހައިސިއްޔަތުން ރާއްޖޭގެ އިސްނެގުމާއެކު، ބާއްވާ މި ބައްދަލުވުމަކީ އޭއޯސިސްއާއި އިންޓަރނޭޝަނަލް ރިނިވަބަލް އެނަރޖީ އެޖެންސީ އައިރީނާއާއި ގުޅިގެން ބާއްވާ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކާއި ބިންތިރި ޤައުމުތަކަށް ދިމާވާ މޫސުމީ ބަދަލުތަކާއި، ތިމާވެށީގެ މައްސަލަ ކުޑަކުރުމަށް އެކުގައި މަސައްކަތްކުރުމަށް މަޝްވަރާކުރުމެވެ. މި ބައްދަލުވުމުގެ ޒަރިއްޔާއިން އޭއޯސިސްގެ ޤައުމުތަކަށް ދެމެހެއްޓެނިވި ގޮތެއްގައި މާލީ، ފަންނީ، މީހުން ބިނާކުރުމުގެ ދާއިރާއިން އެހީތެރިކަން ފޯރުކޯށްދެވޭނެ ގޮތާއިމެދު މަޝްވަރާކުރާނެއެވެ. 

މީގެ އިތުރުން ކުރިއަށްއޮތް "ކޮޕް 23" ސަމިޓްގައި އޭއޯސިސް ޤައުމުތަކުން ހުށަހަޅާނެ ކަންތައްތަކާއި ގުޅޭގޮތުންވެސް މަޝްވަރާކުރާނެއެވެ. މި ބައްދަލުވުމަކީ އޭއޯސިސްގެ ވަޒީރުންގެ ފެންވަރުގައި ބާއްވާ ފުރަތަމަ ބައްދަލުވުމެވެ.