ދުނިޔެ

ލީބިޔާގެ ޞަބްރާތާގައި ގިނަ ބަޔަކު ތާށިވެފައި- އދ


އެފްރިކާ އާއި މެދުއިރުމަތިން ވިލާތަށް ދަތުރުކުރާ ގިނަ ބަޔަކު ދަތުރުމަތީގައި މަޑުކުރާ މަންޒިލެއްކަމަށްވާ ލީބިޔާގެ ޞަބްރާތާގައި އިންސާނީ ވަގުފާރީގެ ޝިކާރައަކަށް ވެފައިވާ އެތައް ހާސް ބަޔަކު ތާށިވެފައި ތިބި ކަމަށް އދން ހާމަކޮށްފިއެވެ.

ހިޖުރަކުރުމާ ބެހޭ އދގެ ޖަމިއްޔާއިން ބުނެފައިވަނީ، އެ ރަށުގައި ގާތްގަނޑަކަށް ހަތަރު ހާސް މީހުން ތާށިވެފައި އެބަތިބި ކަމަށާއި އެމީހުންގެ ތެރޭގައި މާބަނޑު އަންހެނުންނާއި ތުއްތު ކުދިންގެ އިތުރުން، އެއްވެސް ބެލެނިވެރިއަކާ ނުލައި ދަތުރުކުރާ ކުޑަކުދިން ހިމެނޭކަމަށެވެ. އެ އިދާރާއިން ބުނެފައިވަނީ މި މީހުން ޞަބްރާތާގައި ތާށިވެފައި ތިބީ، ލީބިޔާގައި ކުރަމުންދާ ހަނގުރާމައިގެ ދެ ފަރާތުން މި ރަށް ހިފުމަށް ހަމަލާ ބަދަލުކުރަން ފެށުމާއެކު ކަމަށެވެ. އަދި މި ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށްވެސް ހިޖުރަކުރުމާ ބެހޭ އދގެ އިދާރާއިން ވަނީ ބުނެފައެވެ.

ޞަބްރާތާއަކީ މެޑިޓެރޭނިއަން ކަނޑު ހުރަސްކޮށް ވިލާތަށް ދިއުމަށް ބޭނުންވާ ގިނަ ރެފިއުޖީން ދަތުރުމަތީގައި މަޑުކުރާ ރަށެކެވެ. އެހެންނަމަވެސް މިއަހަރުގެ ޖުލައި މަހުން ފެށިގެން، މިފަދަ ދަތުރުތައް ހުއްޓުވުމުގެ ޒިންމާ ލީބިޔާގެ ސަރުކާރުން ހަނގުރާމަވެރި ޖަމާޢަތަކާ ހަވާލުކުރުމާއެކުގައި، އެ ރަށުގެ ތެރެއިން ދަތުރުކުރާ ފަރާތްތަކުގެ އަދަދު ވަނީ މަދުވެފައެވެ.