ދުނިޔެ

ކެތަލޯނިޔާގެ ޤާނޫނުހަދާ މަޖިލީހުގެ މުހިއްމު ނިންމުމެއް، މިއަދު


ސްޕެއިންގެ ކެތަލަން ސަރަހައްދުގެ ރައީސް ކާލޮސް ޕުޖެމޮން އެ ސަރަހައްދުގެ ޤާނޫނު ހަދާ މަޖިލީހުގައި ތަޤުރީރެއް ދިނުމަށް ތައްޔާރުވަމުން ގެންދަވާއިރު މި ތަޤުރީރުގައި ކެތަލޯނިޔާގެ މިނިވަން ދައުލަތެއް އިޢުލާނުކުރައްވާނެ ކަމަށް ވަނީ ބެލެވިފައެވެ. އެހެންނަމަވެސް، ސްޕެއިންގެ މުއްސަނދި ކެތަލަން ސަރަހައްދުގައި މިނިވަން ދައުލަތެއް އުފެއްދުމަށް ފެނޭތޯ ބެލުމަށް މިމަހުގެ އޮކްޓޯބަރު މަހު ނެގި ފެންނަ ނުފެންނަ ވޯޓަށްފަހު މުޅި ސްޕެއިންގައި ވަނީ ނުތަނަވަސްކަން އުފެދިފައެވެ.

ސްޕެއިންގެ ދުސްތޫރީ ކޯޓަކުން ނެރުނު ޢަމުރަކަށްފަހު ސްޕެއިންގެ ފުލުހުން  އެ ވޯޓަށް ހުރަސް އަޅައި ޢާއްމުންނާއެކު ހިންގި ކުރިމަތިލުންތަކުގައި ނުވަ ސަތޭކައަށްވުރެ ގިނަ މީހުން ޒަޚަމުވިއެވެ. އެހެންނަމަވެސް މިދިޔަ ހަފުތާގެ އާދީއްތަ ދުވަހު ނެގި ވޯޓަކީ ސައްޙަ ވޯޓެއް ކަމަށާއި،  ވޯޓުލުމުގެ ޙައްޤު ލިބިގެންވާ އާބާދީގެ ސާޅީސް އިންސައްތައަށް ވުރެ އިތުރަށް، ވޯޓުގައި ބައިވެރިވެފައިވާކަމަށާއި،  މީގެ ތެރެއިން ނުވަދިހަ ތިން އިންސައްތަ މީހުން ބޭނުން ވަނީ ކެތަލޯނިޔާގެ ވަކި ދައުލަތެއް ޤާއިމުކުރުން ކަމަށް އެ ސަރަހައްދުގެ ސަރުކާރުން ހާމަކުރިއެވެ.

އެހެންނަމަވެސް ފެންނަ ނުފެންނަ ވޯޓަށް ފަހުވެސް ފެނިފައިވަނީ އިތުރު ހަމަނުޖެހުންތަކެކެވެ. ކެތަލަން ސަރަހައްދުގައި މިނިވަން ދައުލަތެއް ޤާއިމުކުރުމާ ދެކޮޅަށް ސްޕެއިންގެ ސަރުކާރުން އިންޒާރުތައް ދެމުންދިޔައެވެ. މީގެ އިތުރުން ސްޕެއިންގެ ކެތަލަން ސަރަހައްދުގެ ޤާނޫނު ހަދާ މަޖިލީހުގެ ޖަލްސާތައް ވަގުތީ ގޮތުން މެދުކަނޑާލުމަށް ސްޕެއިންގެ ދުސްތޫރީ ކޯޓުން ވަނީ ޙުކުމްކޮށްފައެވެ. އެހެންނަމަވެސް ކެތަލަން ސަރުކާރުން އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހު އެ ސަރަހައްދުގައި ބޭއްވި ފެންނަ ނުފެންނަ ވޯޓުވެސް ކުރިއަށްގެންދިޔައީ ދުސްތޫރީ ކޯޓުން އެ ވޯޓު ނުބޭއްވޭނެކަމަށް ޙުކުމްކޮށްފައިވަނިކޮށެވެ.

img:http://s2.psmnews.mv/images/660x400/15076124268377.jpg|ކެތަލޯނިޔާގެ މިނިވަންކަމަށް ގޮވާލާ ކުރި މުޒާހަރާއެއްގެ ތެރެއިން- ފޮޓޯ: ގެޓީ އިމޭޖަސް

މިފަދަ ދަނޑިވަޅެއްގައި، މި ޤާނޫނު ހަދާ މަޖިލީހުގައި ދެން ކުރިއަށްގެންދާ ޖަލްސާގައި ކެތަލޯނިޔާގެ ލީޑަރު ކާލޮސް ޕުޖެމޮން ކެތަލޯނިޔާގެ މިނިވަން ދައުލަތެއް އިޢުލާނުކުރައްވާނެ ކަމަށް ވަނީ ބެލެވިފައެވެ. އެހެންނަމަވެސް ކެތަލަން ސަރަހައްދުގެ ވެރިރަށް ބާސެލޯނާގެ މޭޔަރު ވަނީ، ސްޕެއިންގެ ބޮޑު ވަޒީރު މާރިއާނޯ ރަހޯއީ އާއި ޕުޖެމޮން މަޝްވަރާ ކުރުން މުހިއްމުކަމަށް ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތްތަނުގައި ދެފަރާތުގެ މަޝްވަރާތަކަށް ހުރަސްއެޅިދާނެ ފަދަ އެއްވެސް ފިޔަވަޅެއް ނޭޅުމަށް ވެސް ބާސެލޯނާގެ މޭޔަރު ގޮވާލެއްވިއެވެ.

ސްޕެއިންގެ ބޮޑުވަޒީރު ވަނީ ކަޓަލަން ސަރަހައްދުގައި މިނިވަން ދައުލަތެއް އިއުލާނުކޮށްފިނަމަ ސްޕެއިންގެ ޤާނޫނު އަސާސީގެ ދަށުން މައި ސަރުކާރަށް ލިބިފައިވާ ބާރުގެ ބޭނުންކޮށް ސަރަހައްދުގެ ޤާނޫނު ހަދާ މަޖިލީސް ސަސްޕެންޑު ކުރައްވާނެކަމުގެ އިންޒާރު ދެއްވާފައެވެ. އަދި މުއްސަނދި ކެތަލޯނިޔާގައި ހަރަކާތްތެރިވާ ގިނަ ކުންފުނިތަކަކުން ވަނީ ސްޕެއިންގެ މައި ސަރުކާރާ އެ ސަރަހައްދު ވަކިވެއްޖެނަމަ އެކުންފުނިތަކުގެ ވިޔަފާރިތައް ސްޕެއިންގެ ވެރިރަށް މެޑްރިޑަށް ބަދަލުކުރާނެކަމަށް ބުނެފައެވެ.

މީގެ ތެރޭގައި ކެތަލޯނިޔާގެ ނަން މަޝްހޫރު ބޭންކުތައްވެސް ހިމެނެއެވެ. މިއީ ޕުޖެމޮން ސަރުކާރުން ކަންބޮޑުވާނެ ކަމެއްކަމަށް މުރާސިލުން ބުނެއެވެ. ހަމައެއާއެކު، ވިލާތުގެ ދެ ބާރު ކަމަށްވާ ޖަރުމަނުވިލާތާއި ފަރަންސޭސިވިލާތުން ވަނީ މި މައްސަލައިގައި ސްޕެއިންގެ މައި ސަރުކާރަށް ތާއީދުކުރާކަން ހާމަކޮށްފައެވެ. އަދި ސްޕެއިން ބައިބައިވިނަމަވެސް މި ދެ ގައުމުން އަބަދުވެސް ބަލައިގަންނާނީ ސްޕެއިންގެ މައި ސަރުކާރު ކަމަށްވެސް ވިލާތުގެ ދެ ބާރުން ވަނީ ބުނެފައެވެ. ކެތަލަން ސަރަހައްދު ސްޕެއިނުން ވަކިވެއްޖެނަމަ، އެ ސަރަހައްދަކީ ވިލާތުގެ އިއްތިހާދުގައި ހިމެނޭ ސަރަހައްދެއް ކަމަށް ނުބަލާނެކަމަށް، ވިލާތުގެ އިއްތިހާދުން މީގެ ކުރިން ބުނެފައިވެއެވެ.