މިއަހަރުގެ ޖުލައި މަހުން ފެށިގެން މާލޭގައި ތޫނު އެއްޗެހި ބޭނުންކޮށްގެން ހިންގާފައިވާ މާރާމާރީތަކުގެ ތަޙްޤީގަށް މިހާތަނަށް 50 މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.
މާރާމާރީއާއި، ރާވައިގެން ހިންގާ ކުށްތަކާއި ގުޅިގެން ހިންގާ ތަޙްޤީގުތަކާއި ގުޅޭގޮތުން ނެރުނު ނޫސްބަޔާނެއްގައި މޯލްޑިވްސް ޕޮލިސް ސަރވިސުން ބުނީ، ތޫނު އެއްޗެހިން ހަމާލާދީ މާރާމާރީ ހިންގައި މީހުން މެރުމުގެ މައްސަލަ ހުއްޓުވުމަށް ޚާއްސަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އެގޮތުން މިދިޔަ ޖުލައި މަހުން ފެށިގެން ހިންގި ތަފާތު މާރާމާރީތަކާ ގުޅިގެން އެމައްސަލަ ތަކުގެ ތަޙްޤިގަށް މިހާތަނަށް 50 މީހުން ހައްޔަރުކޮށް، ބައެއް މީހުންގެ ޝަރީޢަތުގެ މަރުހަލާ ފެށިފައިވާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި މާރާމާރީތަކުގައި މީހުން މެރުމުގައި ޢަމަލީގޮތުން ބައިވެރިވެފައިވާމީހުން ހިމެނޭ ކަމަށާއި، އެ އެންމެންވެސް ހައްޔަރުކޮށްފައިވަނީ ކުށް ސާބިތުކުރުމަށް ބޭނުންވާ ހެއްކާއި ޤާރީނާތަކާއި އެކުކަމަށް ފުލުހުން ވިދާޅުވެއެވެ. މީގެ ތެރޭގައި ލިޓަސް ގާރާޖުތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ ރ.މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސް މަރާލި މައްސަލައިގެ ތުހުމަތުގައި ހޯދަމުންދިޔަ އެންމެ ހައްޔަރުކޮށްފައިވާއިރު، ސެޕްޓޭމްބަރު 29 ވަނަ ދުވަހު ހުޅުމާލޭ ހާފްވޭ ހައުސް ކައިރިން ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު މަރާލުމުގައި އަމަލީގޮތުން ބައިވެރިވި މީހަކު ހައްޔަރުކޮށް، އެމައްސަލަތައް ތަޙްޤީގުކުރަމުންއަންނަކަން ފުލުހުން ފާހަގަކުރެއެވެ. މަރުގެ މައްސަލައެއްގެ ތުހުމަތުގައި ރޭވެސް ކ.ހިންމަފުށިން ދެމީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.
މީގެ އިތުރުންވެސް މާރާމާރީއާއި ގުޅޭ އެފަދަ އިތުރު މައްސަލަތައް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުންދާކަމަށް ފުލުހުންގެ ނޫސްބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.
ތޫނު އެއްޗެހިން ހަމަލާދީ މާރާމާރީތައް ހިންގުމަށްފަހު އެއްވެސް މީހަކަށް ފިލައި ނުތިބެވޭނެކަމަށާއި، އެފަދަ ނުރައްކާތެރި އަމަލުތައް ހިންގާ މީހުން ހޯދައި، ޝާރީއަތައް ހުށާއެޅޭނެކަމުގެ އިންޒާރު އެފަދަ ފަރާތްތަކަށް ފުލުހުން ވަނީ ދެއްވާފައެވެ. އަދި މިފަދަ މައްސަލަތައް ތަޙްޤީގުކުރުމުގައި ހަމަހަމަ ކަމާއި ސާބިތުކަންމަތީ ފުލުހުން ދެމިތިބޭނެކަމުގެ ޔަގީންކަން މޯލްޑިވްސް ޕޮލިސް ސަރވިސުން ވަނީ ދިވެހިރައްޔިތުންނަށް ދެއްވާފައެވެ.