ޚަބަރު

ބޭސިކް ސައިން ލެންގުއޭޖް ޓްރެއިނިންގއެއް ފަށައިފި


ޢާއްމު ޚިދުމަތްދޭ ތަންތާ މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ޖެންޑަރ މިނިސްޓްރީން ބޭސިކް ސައިން ލެންގުއޭޖް ޓްރެއިނިންގއެއް ފަށައިފިއެވެ.

މި ޓްރެއިނިންގއަކީ އަޑު އެހުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚިދުމަތް ދިނުމުގައި ދިމާވާ ގޮންޖެހުންތަށް މަދުކޮށް ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ހަމަހަމަ އުސޫލަކުން ޚިދުމަތް ހޯދައިދިނުމުގެ މަޤުޞަދުގައި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މިއީ ޖެންޑަރ މިނިސްޓްރީން ހިންގާ މިފަދަ 2 ވަނަ ސައިން ލެންގުއޭޖް ޓްރެއިނިންގއެވެ.

މި ފަހަރުގެ ޕްރޮގްރާމްގައި އެކި މުއައްސަސާތަކުން 40 މުވައްޒަފުން ބައިވެރިވެއެވެ. 14 ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ޓްރެއިނިންގގައި ބައިވެރިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާއި މޯލްޑިވްސް އިމިގްރޭޝަނާއި ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނާއި ސްޓެލްކޯ، އޭޑީކޭ އަދި ފެމިލީ ކޯޓާއި އިސްލާމިކް ބޭންކާއި ބޭންކް އޮފް މޯލްޑިވްސްގެ އިތުރުން އޫރިދޫއާއި ދިރާގެވެ. މީގެ އިތުރުން ޖެންޑަރ މިނިސްޓްރީގެ ބައެއް މުވައްޒަފުންވެސް މި ޓްރެއިނިންގައި ބައިވެރިވާކަމަށް ޖެންޑަރ މިނިސްޓްރީން މަޢުލޫމާތުދެއެވެ.

މިނިސްޓްރީންވަނީ މީގެ ކުރިންވެސް މިފަދަ ޓްރެއިނިންގއެއް ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރުންނަށާއި ޖެންޑަރ މިނިސްޓްރީގެ ސޯޝަލް ސަރވިސް ވޯކަރުންގެ އިތުރުން މިނިސްޓްރީގެ އެހެނިހެން މުވައްޒަފުންނަށްވެސް ކުރިއަށް ގެންގޮސްފައެވެ.

ޖެންޑަރ މިނިސްޓްރީން ގެންދަނީ މުޖްތަމަޢުގައި ތިބި ޚާއްސަ އެހީއަށް ބޭނުންވާ އެކިފަރާތްތަކަށް ހަމަހަމަ އުސޫލުން ފަސޭހަކަމާއެކު ޚިދުމަތްތަށް ލިބިގަތުމުގެ ފުރުސަތު ހޯދައިދިނުމުގެ މަޤުސަދުގައި ތަފާތު ޓްރެއިނިންގ ތަކާއި ޙަރަކާތްތަށް އިންތިޒާމްކޮށް ހިންގަމުންނެވެ.