ޚަބަރު

"ރަން އަހަރުތަކުގެ ޝަރަފުވެރިންނަކީ މިޖީލުގެ އިސްރަށްވެހިން"


ރާއްޖޭގެ ރަން އަހަރުތަކުގެ ފަޚުރުވެރި، ޝަރަފުވެރި ބޭފުޅުންނަކީ މިޖީލުގެ އިސްރަށްވެހިންކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މާލޭގައި ތިބި އިސްރަށްވެހިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، އިސްރަށްވެހިންނާ ބައްދަލުކުރެއްވުމަށް ރަސްފަންނުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންވަނީ އިސް ރަށްވެހިންނާ ވަކިވަކިން ބައްދަލުކުރައްވައި އެމީހުންގެ ވާހަކަތައް އަޑުއައްސަވައި، އެމީހުންނާއެކު ވަގުތުކޮޅެއް ހޭދަކޮށްލައްވާފައެވެ. މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވަނީ އިސް ރަށްވެހިންގެ ތަޖުރިބާއާއި ޚިދުމަތްތަކުން ޢިބްރަތް ހާސިލުކުރުމަށް ޒުވާނުންނަށް ގޮވާލައްވާފައެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގެ ރަން އަހަރުތަކުގެ ފަޚުރުވެރި ޝަރަފުވެރިންނަކީ އިސްރަށްވެހިން ކަމަށާއި، އިސް ރަށްވެހިންގެ ޖިހާދުން ޢިބުރަތް ހޯދައިގެން މިޤައުމުގެ ޒިންމާ މިއަދު އުފުލަންޖެހޭނީ އަދުގެ ޒުވާނުންކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ދިވެހި ވަންތަކަމާއި ސަޤާފަތް ދެމިމިއޮތީ އިސް ރަށްވެހިންގެ ޚިދުމަތާއި ޖިހާދުންކަން ފާހަގަކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ ކާބަފައިންގެ މަސައްކަތްތައް އަދުގެ ޒުވާނުންނާހަމައަށް ގެނެސްދެއްވުމަށް ދައުލަތުގެ މުއައްސަސާތަކާއި ގުޅިގެން ޚާއްސަ މަޝްރޫޢުތަކެއް ސަރުކާރުން ކުރިއަށްގެންދަވާކަމަށެވެ.

މިރަސްމިއްޔާތުގައި ބައިވެރިވި އިސްރަށްވަހިން ބުނީ ޢުމުރުން ދުވަސްވީ މީހުންނަށް އަޅާލައި ސަރުކާރުން މުހިންމު ޚިދުމަތްތަކެއް އެމީހުންނަށް ދެއްވަމުންގެންދަވާކަމަށާއި، އެކަމާ އެމީހުން ހިންހަމަޖެހިގެން ތިބިކަމަށެވެ.

އިސް ރަށްވެހިންނާ ރައީސުލް ޖުމްހޫރިއްޔާގެ ދެކަނބަލުން ބައްދަލުކުރެއްވުމަށް ރަސްފަންނުގައި ބޭއްވި ރަސްމިއްޔާތުގައި ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ ބޭފުޅުންނާއި، މާލެއާއި ރާއްޖޭގެ އެކި ރަށްރަށުގައި އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ، އަދި މިހާރުވެސް އެކި ރޮނގުރޮނގުން ޤައުމަށް ޚިދުމަތްކުރައްވަމުން ގެންދަވާ ގިނަ ޢަދަދަދެއްގެ އިސްރަށްވެހިން ބައިވެރިވެފައިވެއެވެ.