ކުޅިވަރު

އައިސްލެންޑް ފުރަތަމަ ފަހަރަށް ވޯލްޑްކަޕަށް ކޮލިފައިވެއްޖެ


އަންނަ އަހަރު ރަޝިޔާގައި ބާއްވާ ވޯލްޑް ކަޕަށް ފުރަތަމަ ފަހަރަށް އައިސްލޭންޑް ކޮލިފައިވުމުން ޤައުމުގެ ސަޕޯޓަރުން މަގުތަކުގައި އުފާފާޅުކުރަން ފަށައިފިއެވެ. 

ތިން ލައްކަ ތިރީސް ފަސް ހާސް މީހުންގެ އާބާދީއެއް އޮންނަ އައިސްލޭންޑް ވޯލްޑް ކަޕަށް ކޮލިފައިވީ ރޭއަމިއްލަ ދަނޑުގައި ކޮސޯވޯގެ މައްޗަށް 2-0 ން ކުރި ހޯދައިގެންނެވެ. މެޗްގެ 40 ވަނަމިނިޓްގައި އައިސްލޭންޑަށް ލީޑު ނަގައިދިނީ އެވަޓަންގެ މިޑްފީލްޑާރ ގިލްފީ ސިގަޑްސަންއެވެ. ދެވަނަ ލަނޑު ކަމިޔާބުކޮށްދިނީ ޔޯހަން ގުޑްމުންޑްސަންއެވެ. 

ކޮލިފައިންގެ ގުރޫޕްއައި ގައި އައިސްލެންޑަށް ވުރެ، ފުޓްބޯޅައިގެ ތަޖުރިބާ ހުރި ގައުމުތައްކަމަށްވާ ތުރުކީ، ކޮރޭޝިއާ އަދި ޔޫކްރެއިން ފަހަތައް ޖައްސާލައި ގުރޫޕްގެ އެއް ވަނައިގައި އައިސްލެންޑް ވޯލްޑްކަޕަށް ކޮލިފައި ވުމުން، ވޯލްޑަކަޕްގެ އެންމެ ސަޕްރައިޒިންގ ޓީމަކަށް އައިސްލެންޑް ވާނެކަމަށް ފުޓްބޯޅައިގެ ތަޖުރިބާކާރުންދަނީ ބުނަމުންނެވެ.

ކޮލިފައިންގެ ގްރޫޕް ސްޓޭޖްގައި ކުޅުނު 10 މެޗުގެ ތެރެއިން 7 މެޗު އައިސްލޭންޑުންވަނީކާމިޔާބުކޮށްފައެވެ. 

ވޯލްޑް ކަޕްގެ ތާރީޚުގައި، އެ މުބާރާތުގައި ވާދަ ކުރާއެންމެ ކުޑަ ގައުމަކީވެސް އައިސްލެންޑެވެ.