ޚަބަރު

އޮޑިޓް އޮފީހުން ހުށަހެޅި ބަޖެޓް ކޮމިޓީން ފާސްކޮށްފި


އަންނަ އަހަރަށް ލަފާކޮށް އޮޑިޓަރ ޖެނެރަލް އޮފީހުން މާލިއްޔަތު ކޮމެޓީއަށް ހުށަހެޅި 50.5 މިލިއަން ރުފިޔާގެ ބަޖެޓް އެ ކޮމެޓީން ފާސްކޮށްފިއެވެ. މާލިއްޔަތު ކޮމެޓީން އޮޑިޓް އޮފީހުގެ އަންނަ އަހަރުގެ ބަޖެޓް ފާސްކުރީ ކޮމެޓީއަށް ވަޑައިގެން ތިއްބެވި މެމްބަރުންގެ އިއްތިފާޤުންނެވެ.

އޮޑިޓް އޮފީހުން މާލިއްޔަތު ކޮމެޓީއަށް ހުށަހެޅި އެ އޮފީހުގެ އަންނަ އަހަރުގެ ބަޖެޓްގައި އެންމެ ބޮޑު ޚަރަދެއް ހިނގާނެ ކަމަށް ބުނެފައިވަނީ މުވައްޒަފުންގެ މުސާރައާއި އެހެނިހެން އިނާޔަތްތަކަށެވެ. އެގޮތުން މުވައްޒަފުންގެ މުސާރައާ އެހެނިހެން އިނާޔަތްތަކަށް 36.1 މިލިއަން ރުފިޔާ ބަޖެޓް ކޮށްފައިވާއިރު ދެވަނައަށް އެންމެ ބޮޑު ޚަރަދެއް ހިނގާނެ ކަމަށް ބަޖެޓްކޮށްފައި ވަނީ އިދާރީ ހަރަދުތަކުގެ ގޮތުގައެވެ. އިދާރީ ހަރަދުތަކަށް ބަޖެޓްކޮށްފައިވަނީ 8.2 މިލިއަން ރުފިޔާއެވެ.

މިއަދު ބޭއްވި މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި ސަރުކާރަށް ތާޢީދުކުރާ މެމްބަރުން ވިދާޅުވީ، މިއަހަރަށް އޮޑިޓް އޮފީހަށް ފާސްކޮށްދިން 45 މިލިއަން ރުފިޔާގެ ބަޖެޓަށްވުރެ ފަސް މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓަށް އިތުރުވީ ނަމަވެސް އެއީ އެ އޮފީހަށް އިތުރު ނުކޮށްދެވޭނެ ޢަދަދެއް ނޫން ކަމަށް ސަރުކާރު މެމްބަރުން ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި އިދިކޮޅު މެމްބަރުން ވިދާޅުވީ އޮޑިޓް އޮފީސް ފަދަ ބޮޑު މަސައްކަތެއް ކުރާ އޮފީހަކަށް މުވައްޒަފުން އިތުރުކުރަންޖެހޭކަމަށެވެ. އަދި މުވައްޒަފުން އިތުރުނުކޮށް އެ އޮފީހުގެ މަސައްކަތް ކުރަން ދަތިވާނެ ކަމަށް ވިދާޅުވެ އިދިކޮޅު މެމްބަރުން ވިދާޅުވީ އޮޑިޓް އޮފީހުން ފޮނުވާފައިވާ ގޮތަށް އެ އޮފީހުގެ ބަޖެޓް ފާސްކޮށްދޭންޖެހޭ ކަމަށެވެ.

އޮޑިޓަރ ޖެނެރަލް އޮފީހުން 2017 ވަނަ އަހަރަށް ލަފާކޮށް މާލިއްޔަތު ކޮމެޓީއަށް ހުށަހެޅީ 60.5 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް މާލިއްޔަތު ކޮމެޓީން އެ އޮފީހަށް ފާސްކޮށްދިނީ 45 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.