ކުޅިވަރު

ކޯޗާރސް ކޮމިޝަންގެ ޗެއަރމަންއަކަށް ކާއްޓޭ


ވޮލީބޯޅަ އެސޯސިއޭޝަންގެ ކޯޗަރސް ކޮމިޝަންގެ ރައީސްގެ މަޤާމަށް ޤައުމީ ޓީމުގެ ކޯޗު މުޙައްމަދު ސާޖިދު (ކާއްޓޭ) ހަމަޖައްސައިފިއެވެ. 

ސާޖިދު ކޯޗަރސް ކޮމިޝަންގެ ޗެއަރމަންގެ މަޤާމަށް ހަމަޖެއްސީ އެ މަޤާމުގައި ކުރިން ހުރި އަޙުމަދު އަދީލް އެ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ހަމަޖެއްސުމާއި ގުޅިގެންނެވެ. ވޮލީބޯޅަ އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ލަތީފް ވިދާޅުވީ ސާޖިދު އެމަގާމަށް ހަމަޖެއްސުމުގެ މައިގަނޑު ސަބަބަކީ ކޯޗަރސް ކޮމިޝަންގެ މެމްބަރުންގެ ތެރެއިން މިކަމަށް އެންމެ ޤާބިލު މީހަކީ ސާޖިދު ކަމަށްވާތީކަމަށެވެ. އަދި ސާޖިދުގެ އިސްނެގުމާއިއެކު ކޯޗުންގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރިއަށްދާނެކަމަށް އުއްމީދުކުރާކަމަށް ލަތީފް ވިދާޅުވިއެވެ. ލަތީފް ވިދާޅުވީ ސާޖިދު އެ މަޤާމަށް އައްޔަނުކުރީ އެސޯސިއޭޝަންގެ ހިންގާ ޤަވާއިދުގައިވާ ގޮތުގެ މަތިންކަމަށާއި، ކޯޗުންނަށް އެކި ފުރުސަތުތައް ހޯދައިދިނުމުގައި ސާޖިދުގެ ލީޑަޝިޕް ފެންނާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށެވެ.

ސާޖިދަކީ ޤައުމީ ޓީމްގެ ކެޕްޓަންކަންކޮށް، މިހާރު ޓީމްގައި ތިބި ސީނިއަރ ކުޅުންތެރިންނާއެކު ޤައުމީ ޓީމްގައި މޮޅަށް ކުޅުނު ކުޅުންތެރިއެކެވެ.