ޚަބަރު

މޯލްޑިވިއަނަށް އިތުރު މަތިންދާބޯޓެއް އަންނަމަހު ގެންނަނީ


ދިވެހިރައްޖޭގެ ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ޚިދުމަތަށް އިތުރު މަތިންދާބޯޓެއް އަންނަމަހު ގެނެވޭނެކަމަށް އެކުންފުނިން ބުނެފިއެވެ.

އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް ހާރިޘް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން ފުޅާވަމުން އަންނައިރު ޤައުމީ އެއަރލައިންގެ ޚިދުމަތްތައްވެސް ފުޅާކުރަންޖެހޭކަމަށެވެ. އެގޮތުން އެ ކުންފުނިން މިއަހަރުގެ ނޮވެމްބަރ މަހުގެ ތެރޭގައި އައު މަތިންދާބޯޓެއް ގެންނާނެކަމަށާއި، މިހާރު އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށް، ފައިސާވެސް ދައްކާފައިވާކަމަށް ޙާރިޘް ވިދާޅުވިއެވެ. ހާރިޘް ވިދާޅުވީ އަންނަ އަހަރުގެ ތެރޭގައި ޚިދުމަތަށް އިތުރު 2 މަތިންދާބޯޓު ގެނެވޭނެކަމަށެވެ.

މޯލްޑިވިއަނުން ދެމުންދާ ސީޕްލޭން ފްލީޓްގެ ޚިދުމަތްވެސް މިއަހަރުގެ ތެރޭގައި އިތުރަށް ފުޅާކުރާނެކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. މިއަހަރުގެ ނޮވެމްބަރު ހިސާބުގައި އިތުރު ބޯޓެއް ރާއްޖެ ގެންނައިރު އަންނަ އަހަރުގެ ކުރީކޮޅު އިތުރު 3 ބޯޓު ރާއްޖެ ގެނެވޭނެކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.