ޚަބަރު

ހުޅުމާލޭގައި އޮންކޮލަޖީ ސެންޓަރެއް ހުޅުވައިފި


ރާއްޖޭގައި ތިބެގެން ކެންސަރު ބަޔަށް ފަރުވާ ހޯދުމަށްޓަކައި ހުޅުމާލެ ހޮސްޕިޓަލުގައި ޤާއިމްކުރި އޮންކޮލަޖީ ސެންޓަރު ހުޅުވައިފިއެވެ.

މި ސެންޓަރ ހުޅުވައިދެއްވީ ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމްއެވެ. ހުޅުމާލޭގައި ހުޅުވި އޮންކޮލަޖީ ސެންޓަރަކީ، ރާއްޖޭގައި ތިބެގެން ކެންސަރު ބައްޔަށް ފަރުވާދިނުމުގެ މަޤްޞަދުގައި ހުޅުވި ސެންޓަރެކެވެ.  އިންޑިޔާގެ އަމްރިތާ ހޮސްޕިޓަލާ ގުޅިގެން ހުޅުވި މި ސެންޓަރުން ކެންސަރު ބައްޔަށް ހޭލުންތެރި ކުރުވުމާއި، ކެންސަރު ބައްޔަށް ޓެސްޓުކުރުމުގެ ޚިދުމަތުގެ އިތުރުން މި ބައްޔަށް ފަރުވާދިނުމުގެ ޚިދުމަތްވެސް އާސަންދަ ކޮމްޕެނީން ބުނެއެވެ.

އޮންކޮލަޖީ ސެންޓަރު ހުޅުވައިދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ ސިއްޙީދާއިރާ ކުރިއެރުވުމަށް ރައީސް ޔާމީންގެ ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާކަމަށެވެ.

img:http://s2.psmnews.mv/images/660x400/15074790079432.jpg| ހުޅުމާލޭގައި ހުޅުވި އޮންކޮލަޖީ ސެންޓަރު / ފޮޓޯ: ޕީއެސްއެމް

މި ސަރުކާރުގެ ރިޔާސީ ވަޢުދުތަކަށް އަލިއަޅުވާލައްވައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ދިވެހިރާއްޖެއިން ބޭރަށް ބޭސްފަރުވާކުރަން ދިޔުން މަދުކުރުމާއި، ރައްޔިތުންގެ އިތުބާރު ލިބޭނެފަދަ ގޮތަކަށް ރާއްޖޭގެ ސިއްޙީދާއިރާ ބިނާކުރުންކަމަށެވެ. މީގެ އިތުރަށް، ހުޅުމާލޭ ހޮސްޕިޓަލްގައި ހުޅުވި އޮންކޮލަޖީގެ ޚިދުމަތާއިއެކު އައިޖިއެމްއެޗްގައިވެސް އޮންކޮލަޖީގެ ޚިދުމަތް ތަރައްޤީ ކުރައްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޖުމުލަ ފަސް އެނދާއެކު ހުޅުވި މިސެންޓަރުގައި އަބަދުވެސް ކެންސަރު ބައްޔަށް ފަރުވާދޭ ޑޮކްޓަރެއް ހުންނާނެކަމަށާއި، އިތުރަށް ޑޮކްޓަރުން ގެންނަން ޖެހޭ ހާލަތްތަކުގައި ވަގުތުން ޑޮކްޓަރުން ގެންނާނެކަމަށް އާސަންދަ ކުންފުނިން ބުނެއެވެ. އަދި މިހާރުވެސް އިންޑިއާގެ އަމްރިތާ ހޮސްޕިޓާލުން ދިވެހި ނަރުހުން ތަމްރީންކޮށްފައިވާކަމަށްވެސް އާސަންދަ ކުންފުނިން ބުނެއެވެ. އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޢަލީ ވިދާޅުވީ މިޚިދުމަތާއެކު މިއަހަރުގެ ތެރޭގައި އެހެނިހެން ބޮޑެތި ބަލިތަކަށް ފަރުވާދިނުމުގެ މަސައްކަތް ފަށްޓާވާނެކަމަށެވެ.

ކެންސަރު ބައްޔަކީ ބޮޑެެތި ބަލިތަކުގެ ތެރެއިން ބައްޔަކަށްވާއިރު މި ބައްޔާ ބެހޭ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދާނެކަމަށް އާސަންދަ ކުންފުނިން ބުނެއެވެ.