ޚަބަރު

ޕީއެސްއެމްގެ ބިއުރޯއެއް ލަންކާގައި ޤާއިމްކުރަނީ


ދިވެހި ނިއުސް އޭޖެންސީގެ ގޮތްޕަކާއެކު، ޕަބްލިކް ސަރވިސް މީޑިއާއިން ރާއްޖެއިން ބޭރުގައި ޤާއިމުކުރާ ފުރަތަމަ ބިއުރޯ، މިއަހަރުގެ ތެރޭގައި ސްރީލަންކާގައި ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ޕީ.އެސް.އެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެއްކްޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

ޕީ.އެސް.އެމްގެ މީޑިއާ އިންސްޓިޓީއުޓް، އެމް.އެމް.އައި އިން ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޕީ.އެސް.އެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ވަނީ، ޕީ.އެސް.އެމް އުފެދުނުފަހުން މިވީ 2 އަހަރު ދުވަހުގެ ތެރޭގައި ހޯދި ކާމިޔާބީތަކަށް ތަފްސީލުކޮށް އަލިއަޅުއްވާލައްވާފައެވެ.

ޕަބްލިކް ސަރވިސް މީޑިއާއިން ޤާއިމުކޮށްފައިވާ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް، އެމް.އެމް.އައިއިން ހިނގި އެކި ކޯސްތަކާއި، ތަމްރީނު ޕްރޮގްރާމްތައް ފުރިހަމަކުރި ދަރިވަރުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޕަބްލިކް ސަރވިސް މީޑިއާގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަޠީފް ވިދާޅުވީ، ޕަބްލިކް ސަރވިސް މީޑިއާ އުފެދުމަށްފަހު، މިވީ 2 އަހަރާއި ބައިގެ ތެރޭގައި ޕީ.އެސް.އެމްގެ ޚިދުމަތްތައް އެތައް ގުނައެއް ތަރައްޤީކޮށް ފުޅާކޮށްފައިވާކަމަށެވެ.

އެގޮތުން ޕީ.އެސް.އެމްގެ ޚިދުމަތްތައް ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމުގެ ގޮތުން 2018 ގެ މެދުތެރޭގައި ރާއްޖޭގެ 10 ރަށެއްގައި ޕީ.އެސް.އެމްގެ ބިއުރޯތައް ހުޅުވުމުގެ މަސައްކަތް ކުރަމުންދާކަމަށް އިކްރާމް ވިދާޅުވި. އަދި ޕީ.އެސް.އެމުން މިއަހަރު ޤާއިމުކުރި ދިވެހި ނިއުސް އޭޖެންސީގެ ގޮތްޕަކާއެކު ޕީ.އެސް.އެމްގެ ބިއުރޯއެއް ފުރަތަމަ ފަހަރަށް ރާއްޖޭން ބޭރުގައި ހުޅުވުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އިކްރާމް ވިދާޅުވިއެވެ. މިކަމާ ގުޅޭ މަޝްވަރާތައް މިހާރު ކޮށްފައިވާކަމަށާއި، އުންމީދަކީ މިއަހަރުގެ ތެރޭގައި ސްރީލަންކާގައި ޕީ.އެސް.އެމްގެ ބިއުރޯއެއް ހިންގަން ފެށުންކަމަށްވެސް އިކްރާމް ވިދާޅުވިއެވެ.

ޕަބްލިކް ސަރވިސް މީޑިއާ ވުޖޫދަށް އައިރު ދައުލަތުގެ މީޑިއާގެ ކުޑައިގެ ދަށުން ހިނގަމުންދިޔައީ 1 ޓީވީ ޗެނަލާއި، 2 ރޭޑިއޯ ޗެނަލެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޕީ.އެސް.އެމްގެ ޑެޕިއުޓީ މެނޭޖިނގި ޑިރެކްޓަރ ވިދާޅުވީ، ޕީ.އެސް.އެމް އުފެދުނު ފަހުން އިތުރު 7 ޓީވީ ޗެނަލާއި، 1 ރޭޑިއޯ ޗެނަލް އުފައްދާފައިވާކަމަށެވެ. އަދި ޕްރިންޓް މީޑިއާއާއި، ސޯޝަލް އަދި އޮންލައިން މީޑިއާގައި ޕަބްލިކް ސަރވިސް މީޑިއާއިން ކުރިހޯދާފައިވާކަމަށްވެސް ވިދާޅުވިއެވެ. މި ހުރިހާ ޚިދުމަތްތައް ޤާއިމުކޮށްފައިވަނީ ޕީ.އެސް.އެމްގެ މުވައްޒަފުންގެ ޢަދަދު ބޮޑުތަނުން އިތުރު ނުކޮށްކަން އިކްރާމް ފާހަގަކުރެއްވިއެވެ.

އަދި ޕީ.އެސް.އެމްގެ އަމާޒަކީ ދައުލަތަށް ޢާމްދަނީ ހޯދައިދޭ ކުންފުންޏަކަށް ވުންކަމަށާއި، މި ޢަމާޒަށް ވާސިލުވުމަށްޓަކައި، އިތުރު ދާއިރާތަކަށް ޕީ.އެސް.އެމްގެ ވިޔަފާރި ފުޅާކުރާނެކަމަށް އިކްރާމް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި ހިނގާ ކަންކަމުގެ ތެދު މަޢުލޫމާތު ދުނިޔޭގެ ޑިޕްލޮމޭޓުންނަށް ފޯރުކޮށްދިނުމަށްޓަކައި ޕީ.އެސް.އެމުންދޭ އިސްކަމުގެ ދަށުން މާލްދީބް ޑެއިލީ ނިއުސްލެޓަރ ދުނިޔޭގެ ބޮޑެތި ޑިޕްލޮމޭޓުންނަށް ކޮންމެ ދުވަހަކު ފޯރުކޮށްދެމުންދާކަމަށް އިކްރާމް ވިދާޅުވިއެވެ. އަދި ޕަބްލިކް ސަރވިސް މީޑިއާގެ ލައިބްރަރީ ޑިޖިޓަލައިޒް ކޮށް، ޢިލްމީ ބޭނުންތަކަށް ބޭނުންކުރެވޭގޮތަށް ހުޅުވާލާނެކަމަށްވެސް ވިދާޅުވިއެވެ. 

މި ހުރިހާ ޚިދުމަތްތަކާއި، އެންމެ ޒަމާނީ ޓެކްނިކަލް ވަސީލަތްތަކާއެކު މީޑިއާގެ ދާއިރާގައި ބައިނަލްއަޤްވާމީ ފެންވަރުގައި ޕަބްލިކް ސަރވިސް މީޑިއާއިން ފައިތިލަ ސާބިތުކޮށްފައިވާކަމަށް ޕަބްލިކް ސަރވިސް މީޑިއާގެ ޑެޕިއުޓީ މެޖޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ވިދާޅުވިއެވެ.