ކުޅިވަރު

އާރޯ ފުޓްސެލް މުބާރާތުގެ ޗެމްޕިއަންކަން ޔެސް ޓީވީ ހޯދައިފި


މިނިވަން މުއައްސަސާތައް ގުޅިވަޑައިގެން، އިޖްތިމާޢީ ކަންކަން ކުރިއަށް ހިންގެވުމަށް ފެއްޓެވި ޙަރަކާތް "އާރޯ"އިން ކުރިއަށްގެންދިޔަ ފުޓްސަލް މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން ޔެސް ޓީވީ އަދި ފިރިހެން ބައިގެ ޗެމްޕިއަންކަން އޭޖީ އޮފީސް ހޯދައިފިއެވެ.

އަންހެން ބައިގެ ޗެމްޕިއަންކަން ޔެސް ޓީވީ ހޯދީ ފައިނަލްގައި އޮޑިޓަރ ޖެނެރަލް އޮފީހާއި ވާދަކޮށް 1-0 ން މެޗު ކާމިޔާބުކޮށްގެންނެވެ. ފައިނަލް މެޗުގައި ޔެސްޓީވީގެ ހަމައެކަނި ލަނޑު ޖަހައިދިނީ ޝައުނާ ހުސައިންއެވެ. ޔެސް ޓީވީ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ. އަންހެން ބައިގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމާއި ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޔެސްޓީވީގެ އާމިނަތު ރައުޝަންއެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައިވެސް ރައުޝަން ހިމެނެއެވެ. ރައުޝަންގެ އިތުރުން އަންހެން ބައިގެ ޑްރީމް ޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ ޔެސް ޓީވީގެ އައިޝަތު ނިޒާމާ، އޭޖީ އޮފީހުގެ އައިޝަތު ނުހާ، އެމްއެމްއޭގެ މަރިޔަމް ޖައިލަމް މުޖުތަބާގެ އިތުރުން މީރާ ކުލަބުގެ މަރިޔަމް ނިޝާނާއެވެ. އަންހެން ބައިގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީ އޭޖީ އޮފީހުގެ އައިޝަތު ނުހާއެވެ. އަންހެން ބައިގެ ފެއަރ ޕްލޭ ޓީމަކީ މީރާ ކުލަބެވެ.

img:http://s1.psmnews.mv/images/660x400/15074353270404.JPG|ފައިނަލް މެޗުގައި ޔެސް ޓީވީ ވާދަކުރަނީ: ފޮޓޯ-ޕީއެސްއެމް

މުބާރާތުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން އޭޖީ އޮފީސް ހޯދީ ފައިނަލުގައި އެމްއެމްއޭގެ މައްޗަށް ކުރި ހޯދައިގެންނެވެ. ފައިނަލް މެޗު އޭޖީ އޮފީސް ކާމިޔާބުކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، އެކެއް އެކަކުން ދެ ޓީމް އެއްވަރުވުމުން ނަތީޖާ ނެރުމަށްޖެހި ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ. ޕެނަލްޓީ ޝޫޓް އައުޓްގައި އެމްއެމްއޭއިން ޖެހި ތިން ޕެނަލްޓީގެ ތެރެއިން ކާމިޔާބުކުރެވުނީ އެންމެ ޕެނަލްޓީއެކެވެ. އޭޖީ އޮފީހުންވަނީ ޖެހި ހުރިހާ ޕެނަލްޓީއެއް ކާމިޔާބުކޮށްފައެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ އޭޖީ އޮފީހުގެ ނާފިއު ޒާހިރުއެވެ. މުބާރާތުގެ ފިރިހެން ބައިގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމާއި، އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަޤާމްގެ އިތުރުން ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ އޭޖީ އޮފީހުގެ މުޙައްމަދު ޝާހިދުއެވެ.

 ފިރިހެން ބައިގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ އޭޖީ އޮފީހުގެ މުޙައްމަދު ޝާހިދު، ނާފިއު ޒާހިރު، އެމްއެމްއޭގެ މުޙައްމަދު މޫމިން، ކުލަބު ޓޫ ޓުވެންޓީގެ އިބްރާހިމް ސުހެއިލްގެ އިތުރުން މީރާ ކުލަބުގެ އަހުމަދު އާސިމްއެވެ. ފިރިހެން ބައިގެ ފެއަރ ޕެލޭ ޓީމަކީ އެމްއެމްއޭ ސޯޝަލް ކުލަބެވެ.

އާރޯ ފުޓްސަލް ކަޕަކީ މިނިވަން މުވައްސަސާތައް ގުޅިގެން އުފައްދާފައިވާ އިޖުތިމާޢީ ވިއުގަކަމަށްވާ އާރޯއިން އިންތިޒާމްކުރި މުބާރާތެކެވެ. މުބާރާތުގެ ފިރިހެން ބައިގައި ބާރަ ޓީމް އަދި އަންހެން ބައިގައި އެގާރަ ޓީމް ވަނީ ވާދަކޮށްފައެވެ.