ޚަބަރު

ސަބާގެ އުފެއްދުންތައް ވިއްކުމަށް ފިހާރައެއް ހުޅުވަނީ


ސަބާގެ މެމްބަރުންގެ އުފެއްދުންތަކަށް މާރކެޓް ހޯދާ، އުފެއްދުންތައް ވިއްކުމަށް ޙާއްސަ ފިހާރައެއް ހުޅުވަން ނިންމާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ސަބާ މޯލްޑިވްސްގެ ޗެއާޕާސަން ޢަބްދުﷲ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ކެއުން ބުއިމަށް ބޭނުންކުރާ ތަކެތި ގޭގައި ތިބެގެން ތައްޔާރުކުރާއިރު، ސަމާލުކަން ދޭން ޖެހޭ ކަންތައްތަކާއި ގުޅޭގޮތުން "ސަބާ މޯލްޑިވްސްގެ މެމްބަރުންނަށް ޚާއްސަކޮށްގެން ކުރިގެންދިޔަ ތަމްރީން ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަދި ސާބާ މޯލްޑިވްސްގެ ޗެއަރޕާރސަން އަބްދުﷲ މުޙައްމަދު ވިދާޅުވީ، ތަކެތި މާކެޓްކުރުމަށް އެހީވުމަށް ފިހާރައެއް ހުޅުވަން ނިންމާފައިވާ ކަމަށެވެ. އަދި ފިހާރައިން ސަބާގެ މެމްބަރުންނަށް ތަކެތި އުފެއްދުމަށް ބޭނުންވާ ސާމާނު ހެޔޮ އަގުގައި ލިބޭނެ އިންތިޒާމުވެސް ހަމަޖެހޭނެ ކަމަށެވެ. ފިހާރަ ހުޅުވުމަށް ތަނެއް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ޑެޕިއުޓީ މިނިސްޓަރ ވިދާޅުވިއެވެ.

އަބްދުﷲ މުޙައްމަދު ވިދާޅުވީ ސަބާގެ މެމްބަރުންގެ އުފެއްދުންތަކަށް މާރކެޓް ހޯދުމަށްޓަކައި ހޮޓެލް ޖެންއާއި ހަނިމާދޫ އެއަރޕޯޓާއި ދަރަވަންދޫ އެއަރޕޯޓުގައި ޚާއްޞަ އިންތިޒާމްތަކެއް ހަމަޖައްސަން ނިންމާފައިވާކަމަށެވެ. އަދި މީގެ އިތުރުން މިއަހަރުގެ ފަހުކޮޅު ސަބާގެ އަހަރީ ބައްދަލުވުން ބޭއްވުމަށް ތައްޔަރުވަމުންދާކަން ޢަބްދުﷲ މުޙައްމަދު ފާހަގަކުރެއްވިއެވެ.

"ސަބާ މޯލްޑިވްސް"ގެ މެމްބަރުންނަށް އަމާޒްކޮށްގެން ކުރިއަށްގެންދިޔަ މި ތަމްރީން ޕްރޮގްރާމްގައި ފަންސަވީސް މެމްބަރުން ވަނީ ބައިވެރިވެފައެވެ. ސަބާ މޯލްޑިވްސް އަކީ ގޭގައި ތިބެގެން އާމްދަނީ ހޯދުމަށް މަސައްކަތްކުރާ ފަރާތްތަކަށް ޙާއްޞަކޮށްގެން، ސާކް ޑިވެލޮޕްމަންޓް ފަންޑުގެ ދަށުން 2013 ވަނަ އަހަރު އުފައްދާފައިވާ ޖަމްޢިއްޔާއެކެވެ.