ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މާލޭގައި ދިރިއުޅޭ އިސްރަށްވެހިންނާ މިރޭ ބައްދަލުކުރައްވާނެއެވެ.
މި ބައްދަލުވުން އޮންނާނީ މިރޭ 8:30ގައި ރަސްފަންނުގައެވެ.
އުމުރުން ދުވަސްވީ މީހުން ނުވަތަ އިސްރަށްވެހިން މި ބަސް ދިވެހިންގެ ތެރެއަށް ތަޢާރަފް ކޮށްދެއްވި ބޭފުޅަކީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ.
ރައީސް ޔާމީނަކީ އިސްރަށްވެހިން ނުވަތަ އުމުރުން ދުވަސްވީ މީހުންނަށް ވަރަށް ބޮޑަށް އަހައްމިޔަތުކަން ދެއްވާ ވެރިއެއްކަމަށް އެފަދަ މީހުންގެ ވާހަކަތަކުން އެނގެއެވެ. އިސްރަށްވެހިންނަކީ އަބުރުވެރި ޝަރަފުވެރި ބަޔަކަށް ހެއްދެވުމަށް ރައީސް ޔާމީން އަންނަނީ ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރައްވަމުންނެވެ.
ޤައުމު އާރާސްތުކޮށް، ޤައުމު ކުރިއެރުވުމަށް ކުރާ މަސައްކަތުގައި ޤައުމުގެ އިސްރަށްވެހިންނަކީ ވަރަށްވެސް މުހިއްމު ބައެކެވެ. އިސް ރަށްވެހިންނަކީ ޤައުމަށް ނުހަނު ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބައެކެވެ. ޤައުމުގެ އާބާދީގެ މުހިއްމު ބަޔަކަށް އިސްރަށްވެހިން ވީހިނދު ރައީސް ޔާމީން އެންމެ އިސްކަން ދެއްވާ އެއް ދާއިރާއަކަށް މިއަދު ވެފައިވަނީ އިސްރަށްވެހިންގެ ދާއިރާއެވެ. ނުވަތަ އިޖްތިމާޢީ ދާއިރާއެވެ.
ރައީސް ޔާމީނާއި އިސްރަށްވެހިންނާ އޮތް ގުޅުން އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ އިއްޔެއަކު މިއަދަކުއެއް ނޫނެވެ. އެމަނިކުފާނު ޤައުމުގެ ވެރިކަމާ ހަވާލުވެލެއްވުމުގެ ކުރިންވެސް އައީ އިޖްތިމާޢީ ދާއިރާއިން ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައިވެސް ރައީސް ޔާމީން އައީ ސޯޝަލް ވެލްފެއަރގެ މަސައްކަތް ކުރައްވަމުންނެވެ.
މިރޭ ރަސްފަންނުގައި އޮންނަ މި ބައްދަލުވުމާ ގުޅޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް މުޢާޒް ޢަލީ ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ މި ބައްދަލުވުމުގައި ރައީސްގެ އަނބިކަނބަލުންވެސް ބައިވެރިވެވަޑައިގަންނަވާނެކަމަށެވެ. އަދި މިއީ އާންމުކޮށް ހުޅުވާލައިގެން ބާއްވާ ބައްދަލުވުމެއް ކަމަށްވެސް މުއާޒް ވިދާޅުވިއެވެ. އަދި މި ބައްދަލުވުން ކުރިއަށްދާއިރުވެސް އިސްރަށްވެހިންނަށް ލިބެންޖެހޭ ތަފާތު އެކި ޚިދުމަތްތަކާއި އެހީތެރިކަން ބައްދަލުވުމުގެ ތެރެއިން ކުރިއަށްދާނެ ކަމަށްވެސް މުއާޒް ވިދާޅުވިއެވެ.