ޚަބަރު

އީޔޫ ޕާލަމެންޓަށް ހުށަހެޅި ޤަރާރު ބަލައެއް ނުގަންނަން- ސަރުކާރު


ރާއްޖެއާ ބެހޭގޮތުން ޔޫރަޕިއަން ޔޫނިއަންގެ ޕާލަމެންޓަށް ހުށަހެޅި ޤަރާރަކީ ވަކި ސިޔާސީ މަޤުޞަދުތަކެއް ހާސިލް ކުރުމަށްޓަކައި ވަކި ފަރާތަކަށް ބުރަވާގޮތަށް އެކުލަވާލާފައި އޮތް ދޮގު ތުހުމަތުތަކެއްގެ މައްޗަށް އެކުލެވޭ ޤަރާރެއްކަމަށާ، ރާއްޖެއިން އެޤަރާރު ބަލައި ނުގަންނަކަމަށް ދިވެހި ސަރުކާރުން ހާމަކޮށްފިއެވެ.

އީޔޫ ޕާލަމެންޓަށް ހުށަހެޅި ޤަރާރާ ގުޅޭގޮތުން ފޮރިން މިނިސްޓްރީން ނެރެފައިވާ ބަޔާނުގައި ވަނީ އެޤަރާރަކީ ރާއްޖޭގެ ޤާނޫނު އަސާސީއާވެސް ޚިލާފު ވާހަކަތަކެއްގެ މައްޗަށް ބިނާވެފައި އޮތް ޤަރާރެއްކަމަށެވެ. މީގެ އިތުރަށް އެޤަރާރަކީ ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކުރުމަށާއި، އެކި ރޮނގު ރޮނގުން ޤައުމު ތަރައްޤީކުރުމަށް ދިވެހި ސަރުކާރުން ކުރަމުންދާ ގިނަގުނަ މަސައްކަތްތަކާ ދެކޮޅު އަދި އެމަސައްކަތްތަކަށް ހުރަސްއެޅުމުގެ މަޤުސަދުގައި ހުށަހެޅި ޤަރާރެއްގެ ގޮތުގައި ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައިވަނީ ސިފަކޮށްފައެވެ.

ވަކި ބަޔެއްގެ މަސްލަޙަތުގައި ރާއްޖެއާދެކޮޅަށް މިފަދަ ޤަރާރެއް ހުށަހެޅިނަމަވެސް އީޔޫގެ ޤައުމުތަކާއެކު އޮތީ ރަނގަޅު ގުޅުމެއްކަމަށާ، ކުރިއަށް އޮތްތަނުގައިވެސް އީޔޫއާއެކު ދިވެހިރާއްޖެއިން ގުޅިގެން މަސައްކަތް ކުރާނެ ކަމަށް މިބަޔާނުގައި ހާމަކޮށްފައިވެއެވެ. އަދި ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކުރުމަށާއި، ދިވެހި ސަރުކާރުން ފަށްޓަވާފައިވާ އިސްލާޙީ މަސައްކަތްތަކުގައި އީޔޫއާއި އެނޫންވެސް ބޭރުގެ ފަރާތްތަކުގެ އެހީތެރިކަމާއި އެއްބާރުލުން ހޯދާނެކަމަށްވެސް މިބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ރާއްޖެއާބެހޭ ގޮތުން އީޔޫ ޕާލަމެންޓަށް ހުށަހެޅި ޤަރާރާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އީޔޫގައި ހުންނަވާ ރާއްޖޭގެ ސަފީރު އަހުމަދު ޝިއާން ވިދާޅުވީ، ރާއްޖެއާމެދު އީޔޫއިން ޤަރާރެއް ފާސްކޮށްފައިވާކަމަށް ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަކީ ހަޤީގަތާ ކިލާފު ދޮގު ވާހަކަތަކެއްކަމަށެވެ. އީޔޫއިން މިވަގުތުވެސް އޮތީ ރާއްޖެއާއެކު ގުޅިންގެ މަސައްކަތް ކުރުމުގައި ކަމަށް ޝިއާން ވިދާޅުވިއެވެ.

ރާއްޖެއާބެހޭ ގޮތުން އީޔޫ ޕާލަމެންޓަށް ހުށަހެޅި ޤަރާރު ޤަބޫލުނުކުރާކަން ދިވެހި ސަރުކާރުން ހާމަކޮށްފައިވާއިރު، ރާއްޖޭގެ އިދިކޮޅު ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ހުށަހެޅުމާ އެއްގޮތަށް މަޝްވަރާގެ ކަންކަން ކުރިއަށް ގެންދިއުމަށް އެހީތެރިވެ، އިދިކޮޅު ޕާޓީތަކަށް އެކަމަށް ބާރު އަޅައިދިނުމަށް އީޔޫ ޕާލަމެންޓަށް ދިވެހި ސަރުކާރުން ވަނީ ގޮވާލާފައެވެ.