ތަޢުލީމު

ހުރިހާ ޓީޗަރުންނަށް ދުވަހުގެ ތަހުނިޔާ ފޮނުވައިފި


ބައިނަލްއަޤުވާމީގޮތުން ފާހަގަކުރާ މުދައްރިސުންގެ ދުވަހުގެ ތަހުނިޔާ ރާއްޖޭގެ ހުރިހާ މުދައްރިސުންނަށް މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އައިޝަތު ޝިހާމް ފޮނުއްވައިފިއެވެ.

މިނިސްޓަރ އޮފް އެޑިއުކޭޝަން އައިޝަތު ޝިހާމްގެ ތަހުނިޔާގެ މެސެޖުގައި ވަނީ ރާއްޖޭގެ ރައިސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްގެ ދެކަނބަލުންނަށްވެސް މުދައްރިސުންގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް ފޮނުއްވާފައެވެ.

މިނިސްޓަރ ގެ މެސެޖުގައި ވިދާޅުވީ އަހަރުގެ ވަކި ދުވަހެއް މުދައްރިސުންގެ ދުވަހުގެ ގޮތުގައި ޚާއްސަކޮށް ފާހަގަކުރުމުގެ އެންމެ ބޮޑު ބޭނުމަކީ މުދައްރިސުން ކުރާ ބުރަ މަސައްކަތް ފާހަގަކޮށް ހިތްވަރުދީ މުދައްރިސުންގެ ޚިދުމަތަށް ޝުކުރުއަދާކުރުންކަމަށެވެ. އަދި ސަރުކާރުގެ ތަޢުލީމީ ސިޔާސަތާ އެއްގޮތަށް އެންމެ ކުއްޖަކުވެސް ބާކީ ނުކޮށް ތަޢުލީމާއި ތަމްރީނާއި ތަރުބިއްޔަތުގެ ފުރުޞަތު ފަހިކޮށްދިނުމަށް މިނިސްޓްރީން ފަށާފައިވާ މަސައްކަތުގެ އެންމެ މުހިއްމު މަސްޢޫލީއްޔަތު އަދާކުރަނީ މުދައްރިސުންކަމަށާއި މުޅި ޤައުމުގެ އިޤްތިޞާދީ ޙަކަތައަށް ބޭނުންވާ ދަރިވަރުން ތަމްރީނުކުރެވެނީ މުދައްރިސުންގެ ބުރަ މަސައްކަތުންކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އަދި މުދައްރިސުން ކުރައްވާ އަގުހުރި މަސައްކަތާއި އެބޭފުޅުންގެ ޚިދުމަތުގެ އަގު އަދާނުކުރެވޭނެކަން މިނިސްޓަރގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ސްކޫލްތަކުގެ ވެރިންނާއި އެންމެހާ މުވައްޒަފުންނަށާއި އެކި ދުވަސްވަރު މުދައްރިސުންގެ ގޮތުގައި ޚިދުމަތްކުރެއްވި ފަރާތްތަކަށާއި މުދައްރިސުން ތަމްރީނުކުރުމަށް މަސައްކަތްކުރައްވާ ހުރިހާ ފަރާތަކަށްވެސް މުދައްރިސުންގެ ދުވަހުގެ ތަހުނިޔާ މިނިސްޓަރ ވަނީ ފޮނުއްވާފައެވެ.

މުދައްރިސުންގެ ދުވަސް ސްކޫލްތަކުގައި ކުލަގަދަކޮށް ދަނީ ފާހަގަކުރަމުންނެވެ. އެގޮތުން މާލެއާއި އެކި ރަށްރަށުގެ ގިނަ ސްކޫލްތަކުގައި މުދައްރިސުންނަށް އަމާޒުކޮށްގެން ހަރަކާތްތައްދަނީ ހިންގަމުންނެވެ. މުދައްރިސުންގެ ދަވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އޮކްޓޯބަރުގެ 5 ވަނަ ދުވަހެވެ.